ޚަބަރު
ސަޢުދީ އެމްބަސީ ކައިރީގަ މުޒާހަރާ ކުރުމުން ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި!
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ: ޕީއެސްއެމް
ފަލަސްޠީނުގަ އިޒްރާއިލުން ހިންގަމުންދާ އަނިޔާވެރި ޤަތުލުޢާންމާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ސަޢުދީޢަރަބިއްޔާގެ އެމްބަސީ ކައިރީގައި މުޒާހަރާކުރި ދެމީހަކު ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރާއި އެކު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން އެދެމީހުން ދޫކޮށްލަން އަމުރުކުރީ ޝަރުތުތަކާއި އެކުއެވެ.
ފަލަސްޠީނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ސަޢުދީ އެމްބަސީ ކައިރީގައި އަޑު އުފުލުމަށް މުޒާހަރާ ކުރުމުން ހައްޔަރު ކޮށްފައިވަނީ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޑރ މުޙައްމަދު އިޔާޡްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ ޝަޒްރާ އިބްރާހީމެވެ.
ފުލުހުން ބުނެފައިވަނީ އެދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެ ދެ މީހުން ޝަރުތުތަކާ އެކު ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ބަންދު އިތުރު ކުރަން ކޯޓަށް ގެންދިޔައީ އެންމެ ފަހުން އެ މީހުން ބަންދަށް އިތުރުކުރި ފަސް ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ އެވެ.
އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފުވުމުން ކަމަށް ބުނެ ހައްޔަރުކުރި އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ އިތުރުކުރީ ތިން ދުވަހެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން ޢަމަލު ކޮށްފައިވާތީ ކަމަށެވެ.
މީގެ އިތުރުން އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޝާދިޔާ އާއި ޑރ ޝަޒްރާ އަކީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ޤައުމުން ހިންގާ ޤަތުލު ޢާންމަށް ތާއީދުކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ދެމީހުންކަން ފާހަފަ ކޮށްލަންޖެހެއެވެ.
އެ ދެ މީހުން ބަންދު ކޮށްފައިތިބި ދުވަސްވަރު ޢަދާލަތު ޕާޓީއާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.