ދުނިޔެ

އީރާނުގައި ކައިވެނި ހަފުލާއެއް ކުރިއަށްދިޔަ ގެއަކަށް އެމެރިކާއިން ބޮންއަޅައި، ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުކޮށްލައިފި

އީރާނުގައި ކައިވެނި ހަފުލާއެއް ކުރިއަށްދިޔަ ގެއަކަށް އެމެރިކާއިން ބޮންއަޅައި، ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުކޮށްލައިފި

އެމެިކާއިން ހަމަލާދިން ކައިވެނި ޕާޓީ: ފޮޓޯ: އަލްޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 ސެޕްޓެމްބަރު 2026، 11:57

02 ސެޕްޓެމްބަރު 2026، 11:57

އީރާނުގެ ދެކުނުގެ ސިރީކް ސަރަޙައްދުގެ ކޫހަސްތަކު އަވަށުގައި ކައިވެނި ޙަފުލާއެއް ކުރިއަށްދިޔަ އާންމުންގެ ގެއަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކެއްގައި، ކުޑަކުއްޖަކު ހިމެނޭހެން 5 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން މި ހަމަލާއާ ގުޅިގެން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، އާންމުން ދިރިއުޅޭ މި ގެއަށް ދިން ރަޙުމުކުޑަ ހަމަލާގައި 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. މީގެއިތުރުން، ސިރީކްގެ ގަވަރުނަރު ރިޟާ ޝަހީދިޔާން ހާމަކުރެއްވި ގޮތުގައި، މި ހާދިސާގައި ޒަޚަމްވި ޖުމްލަ 63 މީހުންގެ ތެރޭގައި 50 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަނިޔާވި މީހުންނަށް މިނާބުގެ ހަސްފަތާލުގައި މިހާރު ފަރުވާދެމުން އަންނައިރު، އެ އެންމެންގެ ހާލަތުވެސް މިހާރު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ ޙުސައިން ކިރްމަންޕޫރު ވިދާޅުވީ، ހަމަލާގެ ސަބަބުން އެ ސަރަޙައްދުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް މުޅިން ކެނޑިފައިވާ ކަމަށެވެ. އީރާނުގެ ރެޑް ކްރެސެންޓުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ އަމާޒުވި އިމާރާތުގެ ފާރުތައް ވަނީ ބިމާ ހަމަވެފައެވެ. އަދި ހަސްފަތާލުގައި ޒަޚަމްވެފައިވާ ކުޑަކުދިންނަށް އަވަސް ފަރުވާ ދެމުންދާ މަންޒަރުވެސް ވަނީ އާންމުވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިންކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އެ ހަމަލާތައް އަމާޒުކުރީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ނުރައްކާކުރަން އީރާނުން އުޅުނު ކަމަށް ބުނެ، އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުތަކަށާއި، ރާޑަރު، ކަނޑުގެ ވަސީލަތްތައް އަދި މުވާޞަލާތީ މަރުކަޒުތަކަށް ކަމަށެވެ. މީގެއިތުރުން، ކޫހަސްތަކުގެ އިތުރުން ޤަޝަމު އަދި އަހްވާޒު ފަދަ އައްސޭރިފަށުގެ ސިޓީތަކަށްވެސް ހަމަލާތައް އަމާޒުވެ ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަލާތައް ހިނގާފައި މިވަނީ، ފާއިތުވި ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް ޙިޞާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ މި އުދުވާނަށް ވަރުގަދަ ރައްދެއް ދިނުމުގެ ގޮތުން، އުރުދުން، ބަޙްރައިން އަދި ޢިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ފޮނުވާލާފައިވާނެ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ހާމަކޮށްފައެވެ. އަދި އީރާނުން ފޮނުވި ބައެއް ޑްރޯނާއި މިސައިލްތައް ވައްޓާލައި ދިފާޢުކޮށްފައިވާނެ ކަމަށް އަވަށްޓެރި ކުވެއިތުންވެސް ވަނީ ބުނެފައެވެ.

އެމެރިކާގެ މި އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވައި ބަޣާއީ ވިދާޅުވީ، މިއީ އެމެރިކާއިން ހިންގަމުންދާ ޖަރީމާތަކުގެ ސިލްސިލާގެ ބައެއް ކަމަށާއި، މިފަދަ ލާއިންސާނީ ކަންކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަނުއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް އެމެރިކާއިން މިނާބުގެ މަދަރުސާއަކަށް ބޮންއަޅައި 150 އަށްވުރެ ގިނަ މީހުންނާއި، ލަމިރްދުގެ ކުޅިވަރު ހޯލަކަށް ހަމަލާދީ 21 މީހުން ޝަހީދުކޮށްލާފައިވާކަން އޭނާ ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450