ދުނިޔެ
އެމެރިކާގެ މަހުޖަނަކު އަނބުރާ ފުރަތަމަ ފަހަރަށް އެމެރިކާއަށް ގެންދިއުމުގެ މަސައްކަތް ފަށައިފި
ޖޭމްސް "ފަރގީ" ޗެމްބާސް- ފޮޓޯ: އަލްޖަޒީރާ
ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުންދިޔަ އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖޭމްސް "ފަރގީ" ޗެމްބާސް، ހަމާސް ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށްފައި ހުރި ސްޕެއިނުން އަނބުރާ އެމެރިކާއަށް ގެންދިއުމުގެ (އެކްސްޓްރެޑައިޓް ކުރުމުގެ) މަސައްކަތް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
މިއީ ހަމާސް ޖަމާއަތަށް ވާގިވެރިވި ކަމުގެ ތުހުމަތުގައި އެމެރިކާގެ ރައްޔިތަކު އެހެން ގައުމަކުން އެ ގައުމަށް ގެންދަން މަސައްކަތްކުރާ މިފަދަ ފުރަތަމަ ފަހަރެވެ.
އުމުރުން 41 އަހަރުގެ ޗެމްބާސް ސްޕެއިންގެ އިބީޒާއޭ ކިޔުނު ރަށުން ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު، އަޔަލެންޑުން ސްޕެއިނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި އޭނާގެ ފަސް އަހަރުގެ ދަރިފުޅަށް ސްކޫލެއް ހޯދަން އަންހެނުންނާއެކު ދަތުރުކުރަމުން ދަނިކޮށެވެ. އޭނާ މިހާރު ހައްޔަރުކޮށްފައި ހުރީ މެޑްރިޑްގެ ޖަލެއްގައެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ޗެމްބާސްގެ މައްޗަށް ތުހުމަތުކުރަނީ އޭނާ ޓިއުނީޝިޔާއަށް ފޮނުވި 7.5 މިލިއަން ޑޮލަރަކީ ހަމާސް ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި ފައިސާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތަފްސީލުތައް އެމެރިކާއިން އަދިވެސް ސިއްރުކޮށްފައިވާއިރު، ޗެމްބާސް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އެމެރިކާގެ މަޝްހޫރު އަދި މުއްސަނދި އާއިލާއެއް ކަމަށްވާ "ކޮކްސް ކޮމިއުނިކޭޝަންސް" ގެ ވާރުތަވެރިއެއް ކަމަށްވާ ޗެމްބާސް، 2023 ވަނަ އަހަރު އާއިލީ ވިޔަފާރީގެ ހިއްސާ 250 މިލިއަން ޑޮލަރަށް ދޫކޮށްލުމަށްފަހު، ދުނިޔޭގެ 20 ގައުމެއްގެ އިންސާނީ އެކި މަޝްރޫއުތަކަށް އެހީތެރިކަން ދެމުން ގެންދިޔައެވެ. މީގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު އޭނާ ވަނީ ހަދިޔާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޗެމްބާސްގެ އަނބިމީހާ އަދި އެކްޓްރެސް ސްޓެލާ ޝްނާބެލް ބުނީ، މިއީ އެއްވެސް ހެއްކެއް ނެތި، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާތީ އޭނާގެ ފިރިމީހާއާ ދެކޮޅަށް ހިންގާ ސިޔާސީ ބަދަލުހިފުމެއް ކަމަށެވެ. އަދި ޓިއުނީޝިޔާއަށް ފޮނުވި ފައިސާއަކީ އެ ގައުމުގައި ދިރިއުޅުނު ދުވަސްވަރު އެ ގައުމުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ "ކްލަބް އެފްރިކެއިން" ގެ ދަރަނިތައް ދައްކައި، ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ހޭދަކުރި އަމިއްލަ ފައިސާ ކަމަށްވެސް އޭނާ ބުންޏެވެ.
ޗެމްބާސްގެ ދިފާއީ ވަކީލު އަދި އިންސާނީ ހައްގުތަކާ ބެހޭ މަޝްހޫރު ވަކީލު ބަލްތާސާރ ގަރްޒޯން ވިދާޅުވީ، މިއީ ސިޔާސީ ފިކުރަށާއި ފަލަސްތީނަށް ވެދިން އިންސާނީ އެހީތެރިކަމަށް އަމާޒުކޮށް ހިންގާ ސިޔާސީ ކަމަކަށް ވާތީ، ސްޕެއިންގެ ގާނޫނުތަކުގެ ދަށުން އޭނާ އެމެރިކާއާ ހަވާލުނުކޮށް، ދޫކޮށްލާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެއްވެސް މައުލޫމާތެއް ހާމަކުރަން ވަނީ ދެކޮޅު ހަދާފައެވެ.