ދުނިޔެ
ކުވެއިތާއި ޔޫއޭއީގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް އީރާނުން ޙަމަލާދީފި
ކުވެއިތު އަދި ޔޫއޭއީގައި ހުރި އަސްކަރީ މަރުކަޒުތަކަށް އިރާނުން ދިން ހަމަލާތައް - ފޮޓޯ : ޕްރެސް ޓީވީ
ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ މަރުކަޒަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ނޫސް އޭޖެންސީ "ތަސްނީމް" އިން ޢާންމުކުރި އީރާން އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ، މި ޙަމަލާތަކަކީ "ސާއިޤާ" ގެ ނަމުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންގެ 31 ވަނަ ފިޔަވަހީގެ ދަށުން ދިން ޙަމަލާތަކެއް ކަމަށެވެ. މި ޙަމަލާތައް ދިނުމަށް މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އީރާނުން ދިން ޙަމަލާތަކުގައި ކުވެއިތުގައި ހުންނަ އަޙްމަދު އަލް-ޖާބިރު ބޭސްގެ ސެޓެލައިޓް މުވާޞަލާތީ ނިޒާމުތަކަށާއި، އަސްކަރީ ސާމާނު ރައްކާކުރާ ގުދަންތަކުގެ އިތުރުން ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަހައްޓާ ހެންގަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާނުގެ އަސްކަރިއްޔާއިން ފާހަގަކުރި ގޮތުގައި މި މަރުކަޒަކީ މެދުއިރުމަތީގެ ސަރަޙައްދުގައި އެމެރިކާ ސިފައިން ހިންގާ ވައިގެ އަދި ޖާސޫސީ އޮޕަރޭޝަންތަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
މީގެއިތުރުން، ޔޫއޭއީގައި ހުންނަ އަލް މިންހާދު އެއާ ބޭސްއަށްވެސް އީރާނުން ވަނީ ޙަމަލާދީފައެވެ. އެގޮތުން އެ މަރުކަޒުގައި ސިފައިން ޙަރަކާތްތެރިވާ ސަރަޙައްދުތަކަށާއި ރާޑަރު ސިސްޓަމްތަކަށް އަމާޒުކޮށް ޙަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ. އަލް މިންހާދު ބޭސްއަކީ ބޭރުގެ އިސްތިޢުމާރީ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަސްކަރީ ދަތުރުފަތުރުތަކަށް ބޭނުންކުރާ މުހިންމު މަރުކަޒެއްގެ ގޮތުގައި އީރާނުން ސިފަކޮށްފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މި ޙަމަލާތަކަކީ ފާއިތުވި ދުވަސްތަކުގައި އީރާނުގެ ސިފައިންނަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާނަށް ދޭ ކޮންމެ ޙަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެމުން، އެޤައުމުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ފުރިހަމަ ކާމިޔާބީ ޙާޞިލުވަންދެން މި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.