ވިޔަފާރި / ޚަބަރު

އެމްޑަބްލިޔުއެސްސީން 200 މިލިޔަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި

އެމްޑަބްލިޔުއެސްސީން 200 މިލިޔަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޑިސެމްބަރު 2024، 12:59

07 ޑިސެމްބަރު 2024، 12:59

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 400 މިލިޔަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވިއްކުމަށް ނިންމައި، އޭގެ ތެރެއިން 200 މިލިޔަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފިއެވެ. މި ބޮންޑު ވިއްކުމުގެ މަޤްޞަދަކީ ކުންފުނީގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމެވެ.

އެމްޑަބްލިޔުއެސްސީން މި ބޮންޑު ވިއްކުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މިހާރު ހުޅުވާލާފައިވާ 200 މިލިޔަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރުމުގެ ފުރުޞަތު ދެނީ އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށެވެ. މި ބޮންޑުގެ މުއްދަތަކީ 5 އަހަރު ދުވަސް ކަމަށްވާއިރު، އިންޓަރެސްޓް ރޭޓަކީ 7.5 އިންސައްތައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި 20 އަށްވުރެ ގިނަ ރަށުގައި ޖުމްލަ 1.3 ބިލިޔަން ރުފިޔާގެ މަސައްކަތް އަލަށް ހޯދާފައިވެއެވެ. ނަމަވެސް، އިތުރު މަޝްރޫޢުތައް ހިންގުމަށްޓަކައި އިތުރު ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް ފައިސާ ބޭނުންވާ ކަމަށާއި، އާންމު ގޮތެއްގައި ފައިސާ ލިބެނީ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ތިން ކުއާޓަރާއި މި އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި ޚަރަދުން ސަލާމަތްކުރެވުނު އަދަދު 170 މިލިޔަން ރުފިޔާއަށް އަރާކަމަށް މަތީން ވިދާޅުވިއެވެ. މި ކާމިޔާބީގެ ސަބަބުން، ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނުނަގައި، އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ މި އަހަރު 100 އިންސައްތަ އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ އާމްދަނީގެ 55 އިންސައްތަ ލިބެނީ ފެނުގެ ޚިދުމަތްތިދުމަތްތަކުގެ އަގުންނެވެ. އަދި 45 އިންސައްތަ ލިބެނީ ކުންފުނިން ހިންގާ މަޝްރޫޢުތައް ހިމެނޭ ގޮތަށް ނޮން-ޔުޓިލިޓީ އާމްދަނީގެ ގޮތުގައެވެ. ނަމަވެސް، ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި، ހިންގާ މަޝްރޫޢުތައް އިތުރުކޮށްގެން ނޮން-ޔުޓިލިޓީ އާމްދަނީ، ޖުމްލަ އާމްދަނީގެ 60 އިންސައްތައާ ހަމައަށް އިތުރުކުރުމެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS