ކުޅިވަރު

ފުޓްސަލް ޗެމްޕިއަންޝިޕް: ވޭވަށް ބަލިކޮށް، މީމު އަތޮޅު ޗެމްޕިއަންކަން ދިއްގަރުން ހޯދައިފި

ފުޓްސަލް ޗެމްޕިއަންޝިޕް: ވޭވަށް ބަލިކޮށް، މީމު އަތޮޅު ޗެމްޕިއަންކަން ދިއްގަރުން ހޯދައިފި

ދިއްގަރުން ޝީލްޑް އުފުލާލުން / ފޮޓޯ: ހިޝާން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ސެޕްޓެމްބަރު 2026، 09:40

05 ސެޕްޓެމްބަރު 2026، 09:40

އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ މީމު އަތޮޅު ބުރުގެ ފައިނަލްގައި 1-3 ގެ ނަތީޖާއަކުން ވޭވަށް ބަލިކޮށް، މީމު އަތޮޅުގެ ޗެމްޕިއަން އައްޑަނަ ދިއްގަރުން އުފުލައިލައިފިއެވެ. ގްރޫޕް ސްޓޭޖުގައި ވޭވަށާ ދެކޮޅަށް ކުޅުނު މެޗުން ކުރިމަތިލާން ޖެހުނު ބޮޑު ބައްޔަށްފަހު، ފައިނަލް މެޗުގައި ދިއްގަރުން މިވަނީ ރަނގަޅު ބަދަލެއް ހިފާފައެވެ.

މި ދެ ޓީމު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 1 ވަނަ ދުވަހު ބައްދަލުކުރިއިރު، ވޭވަށުން ވަނީ ފަހަތުން އަރައި 1-5 ގެ ބޮޑު ތަފާތަކުން ދިއްގަރު ބަލިކޮށްފައެވެ. ފައިނަލަށް ދިއުމަށްޓަކައި މޮޅެއްގެ އިތުރުން ފައިދާ ގޯލުތަކަކަށް ބޭނުންވެފައި އޮތް ވޭވަށުން އެ މެޗުގައި އެކަން ހާސިލުކުރި ނަމަވެސް، ފައިނަލް މެޗުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މެޗުގެ ފުރިހަމަ ކޮންޓްރޯލް އޮތީ މުޅިންހެން ދިއްގަރުގެ އަތުގައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ދިއްގަރުން ކުޅެމުން ދިޔައީ މެޗުގެ ކޮންޓްރޯލް ނަގައިގެންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ދިއްގަރަށް ލީޑު ނަގައިދިނީ އިސްމާއިލް ވާއިލްއެވެ. ވާއިލް މި ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުން، ވޭވަށުގެ ވޯލް ފޫއަޅުވާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

ދިއްގަރުގެ ހަމަލާތަކުގެ ތެރެއިން ވެސް ވޭވަށަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ހިފިއެވެ. އެގޮތުން މުޙައްމަދު އަޒާން އިސްޙާޤު ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ. ނަމަވެސް، މި ލަނޑާއެކުވެސް މެޗުގެ އޮއިވަރަކަށް ބަދަލެއް ނައެވެ. ދިއްގަރުން ދިޔައީ ބޯޅަ ހިފަހައްޓައިގެން އިތުރު ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން، ވާއިލް ތަނަވަސްކޮށްދިން ފުރުސަތަކުން މުސްޢަބް ބިން އަޙްމަދު ވަނީ ލަނޑެއް ޖަހައި، ދިއްގަރަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި މުޙައްމަދު ސާބިޤު ފުންނާބުން ޖަހައި ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ދިއްގަރުން ވަނީ 1-3 އިން ލީޑު ފުޅާކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

މި މުބާރާތުގައި ދިއްގަރު ޓީމުން ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ ވަކިވަކި ކުޅުންތެރިންނަށް ދޭ ގިނަ އެވޯޑުތަކެއްވެސް ހާސިލުކޮށްފައެވެ. އެގޮތުން މީމު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދިއްގަރުގެ އިސްމާއިލް ވާއިލް ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދިއްގަރުގެ ކޯޗު އަޙްމަދު ރީހާންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ދިއްގަރު ޓީމުގެ އިސްމާއިލް ވާއިލް، އިކްރާމް ޙުސައިން އަދި ނޫޙް މަސްޢޫދުގެ އިތުރުން ވޭވަށު ޓީމުގެ ނާފިޒް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ނަވީން ނަސީމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450