ޚަބަރު
ޕީއެންސީއަށް ފާޑު ކިޔާން ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ލަދުގަންނަންޖެހޭ: މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާގެ މެމްބަރު އިސްމާޢިލް މުޙައްމަދު. ފޮޓޯ: ޕީއެންސީ
ޕީއެންސީއާއި މިހާރުގެ ސަރުކާރަށް ފާޑުކިޔައި، މަލާމާތްކުރުމުގެ ކުރިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުން ލަދުގަންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ، 2018 ވަނަ އަހަރުގެ ވެރިކަން ނިމި، ކުރީގެ ރައީސް ޔާމީން ޖަލަށްލެވުމުން މަގުމައްޗަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ޕާޓީގެ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ޓީމު ކަމަށެވެ. އަދި އޭރު މަގުމަތީގެ ހަރަކާތްތަކުގައި ބައިވެރިވި މީހުންނާއި އާއިލާތަކުގެ ކަންކަން ބެލެހެއްޓެވުމުގައި ޑރ. މުޢިއްޒު މުހިންމު ދައުރެއް އަދާކުރެއްވި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަށް އިޝާރާތްކުރައްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ޑރ. ޖަމީލާއި މަލީހު ފަދަ ބޭފުޅުން އެ ޕާޓީއަށް ކޮށްދިން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިއަދު ގޭގޭގެ ސިޓިންގރޫމްތަކުގައި ތިބެގެން، އަދަދު ހަމަނުވާ ޕާޓީއެއް ހަދައިގެން މުޅި ޤައުމުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކައި، ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގައި ޕީޕީއެމަށް ދައުލަތުން ދިން ފައިސާ ޚަރަދުކުރި ގޮތާމެދު ސުވާލު އުފައްދަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އެ ފައިސާއިން ވަކީލުންގެ ފީއާއި، ގޭގޭގެ ޚަރަދުތަކާއި، ކުދިންގެ ސްކޫލް ފީ ދެއްކުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ. އަދި ވެރިކަން ކުރެއްވި ބޭފުޅަކަށް ލިބެންޖެހޭ ޝަރަފުގައި ގޭގައި ހުންނަވަން ނޭނގި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޕީއެންސީއަކީ މިއަދު ރައްޔިތުން ބަލައިގަންނަ އަދި 66،000 އަށްވުރެ ގިނަ މެންބަރުންނާއެކު ކުރިއަރަމުން އަންނަ ޕާޓީއެއް، ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ ހުރި މައްސަލަތައް އެންމެ ގާތުން ބައްލަވައިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާ ވެރިއެއް"
މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.