ޚަބަރު
އަމީނީ މަގުގެ ސެގްމަންޓް 1 ގެ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމަންޓް 1 ގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެ ސަރަޙައްދުގައި އަޅަންޖެހޭ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމާއި، އެމްސީ-30 ޕްރައިމް ކޯޓް ޖެހުމުގެ މަސައްކަތްތައް ނިމުމާ ގުޅިގެންނެވެ.
އަމީނީ މަގުގެ ސެގްމަންޓް 1، 2 އަދި 3 ހިމެނޭ ސަރަޙައްދަކީ ދަރުމަވަންތަ ހޮސްޕިޓަލާއި ހާބަރު ފުޑް ކޯޓާ ދިމާލުން ކުރިން ތާރު ހަލާކުވެ، އަޑިގުޑަންތައް އުފެދިފައިވާ ސަރަޙައްދެކެވެ. މިއީ ކުރީގެ މަސައްކަތުގައި ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ސެޓްނުވަނީސް ބޮޑެތި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި އަލުން މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 2,511 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް ކޮނުމާއި، އޭބީސީ ފަށަލަ އަޅައި ކޮމްޕެކްޓް ކުރުމުގެ އިތުރުން ޕްރައިމް ކޯޓް ޖަހައި ފައިނަލް ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ސެގްމަންޓް 1 ގެ އިތުރުން ސެގްމަންޓް 2 އަދި 3 ގެ މަސައްކަތްތައްވެސް އެއްފަހަރާ ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ބަސް ހުއްޓާ ސަރަޙައްދުތަކުގެ ޕޭވްމަންޓްތަކަށް ބަދަލު ގެނެސް، ބަރު އުޅަނދުތަކަށް ކެތްކުރެވޭނެ ގޮތަށް ޑިޒައިން ކުރުމުގެ މަސައްކަތްވެސް ރޭވިފައިވެއެވެ.
އަމީނީ މަގަކީ މާލޭގެ ބޮޑެތި ހުރިހާ އަވަށްތަކެއް ގުޅުވައިދޭ 1.79 ކިލޯމީޓަރުގެ މުހިންމު މަގަކަށް ވުމާއެކު، މަގުގެ ފެންވަރު ރަނގަޅުކޮށް، ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅަންޖެހޭ ޒަމާނީ ނިޒާމުތައް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.