ޚަބަރު
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ %51 ނިމިއްޖެ
އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު މުޅި މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ބަނދަރުގެ ބޭރު ކީ ވޯލް ބްލޮކް ރިވެޓްމެންޓް ހަރުކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މިއީ ޖުލައި 17، 2023 ގައި އެ ކުންފުންޏާ ހަވާލުކުރެވިގެން ކުރިއަށްދާ މަޝްރޫއެކެވެ.
Project Update: Design and Build of Adh. Omadhoo Harbor Upgrade
— MTCC Plc (@MTCCPlc) September 7, 2026
We have completed outer revetment quay wall blocks installation. Overall project progress is 51%.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/uSVLjOasIn
މި މަޝްރޫއުގެ ދަށުން އާ ބަނދަރުގެ 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 12،105 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން، 398 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި، 208 މީޓަރަށް ރިވެޓްމަންޓް ޖެހުމާއި، 346.10 މީޓަރަށް އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، 346.10 މީޓަރަށް ސްކޯރިން އެޕްރޮން އެޅުމާއި، 87 މޫރިން ރިންގް އަދި 11 މޫރިން ބޮއި ހަރުކުރުމާއި، 90 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 150 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ދެ ނެވިގޭޝަން ލައިޓާއި 18 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1647.11 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.
ޖުމްލަ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ މި މަޝްރޫއަކީ 630 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.