ޚަބަރު
ޖޫން މަހުގެ ނިޔަލަށް 16،991 ޓަނުގެ މަހާއި މަހުގެ އުފެއްދުން ބޭރުކުރި
ދިވެހި މަސްވެރިންތަކެއް މަސް ބާނަނީ
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ މަސް ކުންފުނިތަކަށް 21،438 ޓަނުގެ މަސް ކިރުވާފައިވާއިރު، 16،991 ޓަނުގެ މަހާއި މަހުގެ އުފެއްދުން ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން މަހަކު އެއްފަހަރު އާއްމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 21،438.5 މެޓްރިކްޓަނުގެ މަސް ކުންފުނިތަކުން ވަނީ ގަނެފައެވެ. މަސް ކުންފުނިތަކުން އެންމެ ގިނައިން ގަނެފައިވަނީ ކަޅުބިލަމަހާއި ބޮޑުކަންނެއްޔެވެ. އެގޮތުން މި މުއްދަތުގައި 16،230.4 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، 4،841 ޓަނުގެ ބޮޑުކަންނެލި ކުންފުނިތަކުން ގަނެފައިވެއެވެ.
ރާއްޖެއިން ބޭރުކުރި މަހުގެ އަދަދުތަކަށް ބަލާއިރު، ޖުމްލަ އެކްސްޕޯޓުކުރި 16،991 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތަކުގެ ތެރެއިން 13،083 ޓަނަކީ ތާޒާކޮށް ނުވަތަ ފިނިކޮށްގެން އަދި ގަނޑުކޮށްގެން ބޭރުކުރި ރޯމަހެވެ. މި މުއްދަތުގައި ބޭރުކުރި ރޯމަހުގެ ތެރެއިން އެންމެ ގިނައީ ކަޅުބިލަމަހެވެ. އެގޮތުން 10،603 މެޓްރިކްޓަނުގެ ކަޅުބިލަމަސް އަދި 2،471 ޓަނުގެ ބޮޑުކަންނެލި ރާއްޖެއިން ބޭރުކޮށްފައިވެއެވެ.
މީގެއިތުރުން، ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، ދަޅުގައި ނުވަތަ ޕައުޗުގައި ބަންދުކޮށްގެން 2،702.4 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. އަދި އެހެނިހެން ގޮތްގޮތަށް ޕްރޮސެސްކޮށްގެން 774.4 މެޓްރިކްޓަނުގެ މަސް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ.