ޚަބަރު
ދިވެހި ވަޠަނީ ޚިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ "ކޭމްޕް ފަންވަރު". ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ.
މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވުނު މުހިންމު ހަރަކާތެކެވެ. އެގޮތުން ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެއިތުރުން، ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ ފުރުޞަތު މި ކޭމްޕުގެ ތެރެއިން ވަނީ ފަހިވެފައެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ގުނަމުންދަނީ މި ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި ޖުމުލަ 341 ދަރިވަރުން ތަމްރީނު ފުރިހަމަކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
މި ބެޗުގެ ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ދަސްވެނިވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.