Ads by Farudhun

ޚަބަރު

ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހޫނުގަދަ ދުވަހެއްގައި ރަށެއްގެ މަގު މަތީގައި. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 06:50

08 ސެޕްޓެމްބަރު 2026، 06:50

ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށް ދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމުގެ އިތުރުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މައްޗަށް ދިއުން، ހަންގަނޑު ރަތްވެ އާދަޔާ ޚިލާފަށް ހޫނުވުން، އަދި ވިންދު އަވަސްވެ ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް 100 އަށް ގުޅައި ޞިއްޙީ އެހީތެރިކަން ހޯދުމަށާއި، ހިޔާ ސަރަހައްދަކަށް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ބާރު އަންނައުނު ދޫކޮށްލުމާއި، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުމުގެ އިތުރުން، ހޭވެރިކަން ނެތް މީހަކަށް އަނގަޔަށް އެއްވެސް އެއްޗެއް ނުދިނުމަށާއި ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި ގިނައިން ފެން ބުއިމަށްވެސް ވަނީ އެދިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް މެދުރާއްޖެތެރެއަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމު މިންވަރަށްވުރެ މަދުންނެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިންވެސް ހުންނާނީ އާންމު ވަރަށްވުރެ މަތީގައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މިދުވަސްވަރު ޞިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450