ޚަބަރު
ލ. ގަމުގައި ކުރިއަށްގެންދާ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ ނިމިއްޖެ
ގަމުގައި އަޅާ ހައުސިންގ ޔުނިޓްތައް.
ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި ކޮންމެ ކޮޓަރިއަކަށް ފާޚާނާއަކާއި، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި 100 ހައުސިންގ ޔުނިޓު ދޫކުރާނީ ހަމައެކަނި ގަމުގެ ރައްޔިތުންނަށް ކަމަށާއި، ރަށުން ބޭރު މީހުންނަށް އެއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ލ. ގަމުގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު pic.twitter.com/0NYT43eIhC
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 8, 2026
މިހާރު އަޅަމުންދާ 100 ޔުނިޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ ސިޔާސަތު މިކަމުގައި. މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން. މި 100 ހައުސިންގ ޔުނިޓު މިހާރު ނިމުމަކާ ހަމައަށް އެދަނީ. ނިމުނީމަ، އެ 100 ޔުނިޓު އެކީގައި ކަނޑައެޅިގެންދާނީ މި ރަށުގެ ރައްޔިތުންނަށް. ރަށުން ބޭރުން މީހުން ބަދަލުކުރުމަކަށް، އެ 100 ޔުނިޓަކުންނެއް އަޅުގަނޑުމެން ކަނޑައެއްނާޅާނަން. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ގެންދަނީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ގަމުގައި އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށާއި، އިތުރު ފަރާތަކާ ހަވާލުކޮށްގެން އަދިވެސް އިތުރު 100 ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޖުމްލަ 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ.