ޚަބަރު
ސައުދީއަށް އަމާޒުކޮށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ހާރިޖީ ވުޒާރާ---
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ އަބްހާއާއި، ޚަމީސް މުޝައިތު، ޖާޒާން އަދި ނަޖުރާނުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އިޤުތިޞާދީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ހޫތީން ދިން މި ޙަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި އިސްތިޤުލާލަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ނަގާލުމަށް ދީފައިވާ ނާތަހުޒީބު ޙަމަލާތަކެއް ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.
މި ޙަމަލާތަކުގައި ޢާންމުންގެ ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން ވަނީ ހާމަވެފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ސަޢޫދީގެ ސިޔާދަތާއި އިސްތިޤުލާލު ނަގަހައްޓައި، ސަރަޙައްދީ ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމަށްޓަކައި އެ ޤައުމުން އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާޢީދުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އެނާޖީ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހުރި ހަކަތަ އުފައްދާ މުހިންމު ބައެއް މަރުކަޒުތަކަށް ހޫޘީން ވަނީ ޙަމަލާދީފައެވެ. މި ޙަމަލާތަކުގެ ސަބަބުން އެކި ތަންތަނުގައި އަލިފާން ރޯވެ، ބައެއް ޚިދުމަތްތަކާއި މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ކަމަށާއި، ގިނަ ޢަދަދެއްގެ ޢާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.