ޚަބަރު
އުކުޅަހު ޕޮލިސް ސްޓޭޝަން: މިހާރު ކުރިޔަށްދަނީ ހިޔާކުރުމުގެ މަސައްކަތް
އުކުޅަހު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ދަނީ / ފޮޓޯ: އެމްޓީސީސީ
އއ. އުކުޅަހުގައި އަލަށް އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަނުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ އިމާރާތް ހިޔާކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތް ހިޔާކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެތެރޭގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ 75 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.
އުކުޅަހުގައި ޒަމާނީ ފެންވަރަކަށް ބިނާކުރާ މި ޕޮލިސް ސްޓޭޝަންގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
މި މަޝްރޫޢަކީ އުކުޅަހުގެ އަމަންއަމާންކަން ދަމަހައްޓައި، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެގޮތުން، މި ޕޮލިސް ސްޓޭޝަންގެ އިމާރާތް އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، މައްސަލަތައް ތަޙުޤީޤުކުރާ ޚާއްޞަ ކޮޓަރިތަކާއި، އިންޓެލިޖެންސް މަސައްކަތްތަކަށް ޚާއްޞަ ބައިތަކުގެ އިތުރުން، ބަންދު މީހުން ބައިތިއްބާ ޒަމާނީ ކަސްޓޯޑިއަލް ސެލްތައް ޤާއިމުކުރެވިގެންދާނެއެވެ.
އެގޮތުން މި އިމާރާތް ނިމުމުން، އުކުޅަހުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާވެ، ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.