ޚަބަރު
އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމާލައިފި
އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު--
އދ. އޮމަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ކުރަމުންދިޔަ މަސައްކަތް ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮމަދޫގައި ގާއިމުކުރަމުންދިޔަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ 100 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އޮމަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
Project update: ADh.Omadhoo Fitness & Recreation Center | 100% Complete pic.twitter.com/siWRZ2xeUP
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) September 9, 2026
އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ދާއިރާގެ މަޖިލިސް މެންބަރާއި، އޮމަދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްއޭސީއެލްއާއި ހަވާލުކޮށްގެން ކުރިއަށްގެންދެވި މަޝްރޫޢެކެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.