ޚަބަރު
މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ: ވަޒީރު ސަޢީދު
މާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގެ މޮޑެލްއެއް. ފޮޓޯ: ރައީސް އޮފީސް
މާލޭގައި މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން ސޯސަން މަގުގައި ހުރި ޕާކިން ޒޯނާއި، ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކުރީގަ ޕާކިން އޮންނަ އެ އުސޫލެއް އެ އުސޫލުގެ ތެރެއިން 5 އޮޕްޝަންއަކަށް އިތުރަށް ޕާކުކުރުމުގެ ސިޔާސަތުވެސްވަނީ ފުޅާވެފަ. އޭގެތެރޭގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށް. އަދި މާލެއިން ހީނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ބަޔަކު އައިޑެންޓިފައި ކުރެވިފަ އެފަރާތާއެކު ވާހަކަދެކެވެމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ ލިބިގެންދާނެއެވެ.
ޕާކިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ފޭސް 1 ގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ ގޮތަށް، ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ ޕާކިން ބިލްޑިންގއެއްގެ ބިންގާ މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި ވަނީ އަޅާފައެވެ. އެ އިމާރާތަކީ ދެ ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމުތަކާއެކު ތަރައްޤީކުރާ ތަނެކެވެ.