ޚަބަރު
ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން ފަށާނީ ތިން އަހަރު ފަހުން، ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން: ވަޒީރު ސައީދު
ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި އެއްގަމު އުޅަނދުތަކުގެ އުމުރު ކަނޑައަޅަން ފަށާނީ އަދި ތިން އަހަރު ފަހުން ކަމަށާއި އެކަން ސަރުކާރުން ކުރިއަށް ގެންދާނީ ރައްޔިތުންނަށް އެއްވެސް ބުރައަކަށް ނުވާނެ ގޮތަކަށް ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރާއްޖެއަކީ ބޭނުން އުމުރެއްގެ ވެހިކަލެއް ބޭނުން އިރަކަށް ދުއްވޭ ގޮތަށް އޮންނަ ތަނެއް ކަމަށެވެ. އަދި އައިޔޫއެމްގެ ރިޕޯޓުގައި ވެހިކަލެއްގެ އުމުރަކަށް 15 އަހަރު ކަނޑައެޅުމަށް ބަޔާންކޮށްފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެއްވެސް ރައްޔިތަކަށް މާލީ ގޮތުން ބުރައެއް ނުޖެހި، ގްރާންޓެއް ނަގަން ނުޖެހޭނެ ގޮތަށް ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، މިކަމުގައި ސަރުކާރުން އިޚްތިޔާރު ކުރާނީ މެދުމިންގަނޑެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މިކަމުގައިވެސް ނަގާނީ ހަމަ ދޭތެރެ މެދު. މާނައަކީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ރައްޔިތުންނަށް ވެސް މީގައި ތަކުލީފު އުފުލަން ނުޖެހޭ ގޮތަށް، އަދި ފައިނޭންޝިއަލީ ވެސް ރައްޔިތުންނަށް ތަކުލީފެއް ނުޖެހޭ ގޮތަކަށް ނަގާ މެދު މިންގަނޑެއް އަޅުގަނޑުމެން ނަގާނީ،"
ވަޒީރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު މި ނިޒާމަށް އަމަލުކުރަން ފަށާއިރު، ދޭ މުއްދަތަކީ އެއްވެސް ފަރާތެއްގެ ވެހިކަލް މުސްކުޅިވެގެން އެއްލާލަން ޖެހިގެން ކަންބޮޑުވާން ޖެހޭނެ ދުވަސްވަރަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގައި މީހުން ހިނގާބިނގާވެ އުޅެން އޮތީ އެންމެ 18 އިންސައްތަ ޖާގަ ކަމަށާއި، މާލެއަކީ ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ސިޓީ ކަމަށެވެ. އެހެންކަމުން މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މި މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަށާއި، މި މައްސަލައިގެ ތެރެއަށް ސިޔާސީ ކުލަތައް ނުވެެއްދުމަށް ސައީދު ވަނީ އިލްތިމާސްކުރައްވާފައެވެ.