ޚަބަރު
ވެހިކަލުތަކާ ގުޅިގެން ނަގާ ފީ ދެން ބޭނުންކުރާނީ ޓްރެފިކު މައްސަލަތައް ހައްލުކުރަން!
ވަޒީރު ސައީދު. ފޮޓޯ: ރައީސް އޮފީސް
އެއްގަމު އުޅަނދުފަހަރާ ގުޅިގެން ދައުލަތަށް ނަގާ ރޯޑްވާދިނަސް އަދި އަހަރީ ފީ ފަދަ އެކި ބާވަތުގެ ފީތަކުން ލިބޭ އާމްދަނީ، ކުރިއަށް އޮތް ތަނުގައި ހަމައެކަނި މަގުމަތީގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ވެރިރަށް މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ "ގްރޭޓާ މާލޭ މޯބިލިޓީ އެންޑް ޓްރާންސްޕޯޓް އޮފީހު"ގެ ޕްލޭނަށް ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށެވެ. އެ އޮފީހުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދަތުރުފަތުރާ ގުޅޭ މުހިންމު 11 ދަތިކަމެއް ހައްލުކުރުމެވެ. އޭގެ ތެރޭގައި ހަނި މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމާއި، ޒަމާނީ މޮނީޓަރިން މަރުކަޒެއް ގާއިމުކުރުމާއި، ޓްރެފިކް ލައިޓުތައް އިތުރުކުރުމުގެ އިތުރުން ޕާކިން މައްސަލައަށް އައު އަދި ޒަމާނީ އިޖާދީ ހައްލުތަކެއް ހޯދުން ހިމެނެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ފީއާއި އަހަރީ ފީ ފަދަ އާމްދަނީތައް އެކަމަށް ހާއްސަކުރުން މުހިންމެވެ. މާލެ ސަރަހައްދުން އެކަނިވެސް މި ބާވަތުގެ ފީތަކުން އަހަރަކު ގާތްގަނޑަކަށް 220 މިލިއަން ރުފިޔާ ލިބޭކަން ވަޒީރު ހާމަކުރެއްވިއެވެ.
މީގެ ކުރިން މި ފައިސާ މާލެ ސިޓީ ކައުންސިލަށް ލިބެމުން ދިޔައިރު، އެ ފައިސާ ބޭނުންކުރަމުން ދިޔައީ މިސްކިތްތައް ބެލެހެއްޓުމާއި ކާރިސާތަކާ ބެހޭ ކަންކަން ފަދަ އެހެނިހެން ހަރަދުތަކަށް ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް، ކައުންސިލްގެ އެހެން ހިދުމަތްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓާއި އެހެނިހެން އާމްދަނީ ބޭނުންކުރެވޭނެ ކަމަށާއި، ވެހިކަލްތަކުން ނަގާ ފީއަކީ ވަކި ހާއްސަ މަގުސަދެއްގައި ނެގޭ ފައިސާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފާހަގަކޮށްލަން މިއުޅޭ ޕޮއިންޓަކީ 200 މިލިއަން ރުފިޔާ މަދުވެގެން އެބަލިބޭ މިކަމަށް މާލެއަށް އެކަނި. އެހެންވީމާ މިގާނޫނުން އެ ފަންޑު އެއީ ސީދާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އެކަނި އެކަށައެޅޭ ފަންޑަކަށް މިހެދީ. މިހާރު އޮތްގޮތުން އެފަންޑު ބޭނުންކުރެވޭނެ އެހެން ގޮތެއް ނޯންނާނެ ކަމަށް ގާނޫނު ފާސްވެގެން އައިމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވި،" ވަޒީރު ވިދާޅުވިއެވެ.
އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކުން އެދެނީ އެ ފަރާތްތަކުން ދައްކާ ފައިސާއިން މަގުތަކުގެ ރައްކާތެރިކަމާއި، ޕާކުކުރާނެ ޖާގައާއި، ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބުން ކަމަށް ވާތީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މި ފައިސާ ދެން ހޭދަކުރެވޭނީ ސީދާ މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.