ޚަބަރު
ޞިއްޙީ ދާއިރާއިން ކާމިޔާބީތަކެއް ހޯދާފައިވާތީ ރާއްޖެއަށް ޑަބްލިއުއެޗުއޯއިން އެވޯޑެއް ދީފި
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް އެވޯޑް ދިނުން. ފޮޓޯ: ވުޒާރާ
ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފިއެވެ.
މި އެވޯޑު ރާއްޖެއަށް އަރުވާފައިވަނީ މިހާރު ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް މި އެވޯޑު އަރުވާފައިވަނީ، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމުންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ މި ލަނޑުދަނޑި، ސުންގަޑީގެ 4 އަހަރު ކުރިން ރާއްޖެއިން ހާސިލުކޮށްފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާއިން މި ލަނޑުދަނޑި މިހާތަނަށް ހާސިލުކުރި ހަމައެކަނި ޤައުމެވެ. މީގެއިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާތާ 10 އަހަރު ފުރި، އެކަން ދަމަހައްޓާފައިވާތީވެސް ޑަބްލިޔުއެޗްއޯއިން ވަނީ އެކަން ބަލައިގެންފައެވެ.
ޓިމޯ ލެސްޓޭގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި އެވޯޑު ރާއްޖެއާ ހަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ. ޑަބްލިޔުއެޗްއޯއިން ފާހަގަކުރި ގޮތުގައި މި ކާމިޔާބީތަކަކީ ސަރުކާރާއި މުޅި މުޖުތަމަޢު ގުޅިގެން، އެއް ވިސްނުމެއްގައި ކުރި މަސައްކަތުގެ ނަތީޖާއެވެ.
މީގެކުރިންވެސް ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ޑަބްލިޔުއެޗްއޯއިން ވަނީ އެކި އެވޯޑުތައް ދީފައެވެ. އޭގެ ތެރޭގައި ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވި ޚާއްސަ އެވޯޑާއި، މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ޤައުމަކަށް ވުމުން ދިން އެވޯޑު ހިމެނެއެވެ.