ޚަބަރު
ބޭރު ފައިސާއާ ގުޅޭ މުއާމަލާތްތައް ގަވާއިދާ ޚިލާފަށް ނުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ނުވަތަ ލައިސެންސް ނެތި، ގަވާއިދާ ޚިލާފަށް ބޭރު ފައިސާއާ ގުޅޭ މުއާމަލާތްތައް ނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ޤާނޫނާއި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ލައިސެންސް ނެތި މިފަދަ ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންނަމަވެސް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ހިންގަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެހެންކަމުން، އެ އޮތޯރިޓީގެ ލައިސަންސް ނެތި މިފަދަ ވިޔަފާރިކުރާ ފަރާތްތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް އާންމުންނަށާއި ވިޔަފާރިތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެމްއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ސައްޙަ ލައިސަންސް ދޫކުރެވިފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
އެހެންކަމުން، ބޭންކުތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާއެކު ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތެއް ހިންގާނަމަ، އެ މުޢާމަލާތެއް ކުރެވެނީ އެމްއެމްއޭއިން ދޫކޮށްފައިވާ ޞައްޙަ ލައިސަންސް އޮތް ފަރާތަކާއެކުތޯ ކަށަވަރުކުރުމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.