ޚަބަރު
އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކުރި
މާލޭގެ މަގުމަތި
ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް އެހީގެ ގޮތުގައި މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރެއިން 3،357 މީހަކަށާއި، 5،206 ކުޑަކުދިންނަށް އެހީ ދީފައިވެއެވެ. މި ބަޔަށް ޖުމްލަ 17،469،000 ރުފިޔާ ދޫކޮށްފައިވާއިރު، އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހަކާއި 179 ކުޑަކުދިން ރަޖިސްޓްރީކޮށްފައިވެއެވެ.
މީގެއިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ 137 ކުދިންނަށާއި، 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187،500 ރުފިޔާ ވަނީ ދީފައެވެ. އަދި މި އެހީ ހޯދުމަށް އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
ތެލަސީމިއާ އެލަވަންސް ގެ ގޮތުގައި ދެވޭ މާލީ އެހީ pic.twitter.com/j8mUBZABle
— NSPA (@NSPAmaldives) September 9, 2026
އެންސްޕާގެ ރިޕޯޓުގައިވާ ގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް 1،070،000 ރުފިޔާ ދީފައިވާއިރު، މިދިޔަ މަހު އަލަށް 4 ފަރާތަކަށް ވަނީ މި އެލަވަންސް ހަމަޖައްސައިދީފައެވެ.
އެންސްޕާއިން ދަނީ މުޖުތަމައުގައި އެކި ކަންކަމުގައި މާލީ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.