ކުޅިވަރު

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ފަހަތުން އަރައި ފުރަތަމަ މެޗު އެޗްޑީސީއިން ކާމިޔާބުކޮށްފި

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ފަހަތުން އަރައި ފުރަތަމަ މެޗު އެޗްޑީސީއިން ކާމިޔާބުކޮށްފި

އެޗްޑީސީގެ އިސްމާއިލް ސާޖިދު ވަނީ ނޭޕާލްގެ ގަންޑާކީ ވޮލީބޯލް ކުލަބާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޑިސެމްބަރު 2024، 09:15

08 ޑިސެމްބަރު 2024، 09:15

ހުލާސާ

އެޗްޑީސީއިން ފުރަތަމަ މެޗު ކާމިޔާބުކުރީ ނޭޕާލްގެ ގަންޑާކީ ވޮލީބޯލް ކުލަބު 3-2 ސެޓުން ބަލިކުރުމަށް ފަހު.

މި މުބާރާތުގައި އާދިއްތަ ދުވަހު ވެސް އެޗްޑީސީގެ މެޗެއް އޮންނާނެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެޗްޑީސީން ކުޅުނު ފުރަތަމަ މެޗު އެ ކްލަބުން ކާމިޔާބުކޮށްފިއެވެ. ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 7-14 އަށް ކުރިޔަށްދާ މި މުބާރާތުގައި އެޗްޑީސީއިން ފުރަތަމަ މެޗު ކާމިޔާބުކުރީ ނޭޕާލްގެ ގަންޑާކީ ވޮލީބޯލް ކުލަބު 3-2 ސެޓުން ބަލިކުރުމަށް ފަހުއެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެޗްޑީސީއިން މި މެޗު ކާމިޔާބުކުރީ ގަންޑާކީއިން 2 ސެޓު ގެންދިޔަފަހުން، ފަހަތުން އަރައި 3 ސެޓު ކާމިޔާބުކޮށްގެންނެވެ. 

މެޗުގެ ފުރަތަމަ ސެޓު ގަންޑާކީއިން ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގެ ގިނަ ވަގުތު ގަންޑާކީއިން ވަނީ 7 ޕޮއިންޓުގެ ލީޑެއްގައި ހިފަހައްޓާފައެވެ. މި ސެޓުގައި އެ ޓީމުގެ އެޓޭކުތައް ބޮޑަށް މެދުން ކޮށްފައިވާއިރު، އެޗްޑީސީގެ ޝޮޓުތައް ބްލޮކް ކުރުމުގައި ވެސް ގަންޑާކީ ފެނިގެންދިޔައީ ތަފާތު ކޮށެވެ. 

މެޗުގެ ދެވަނަ ސެޓު ގަންޑާކީއިން ކާމިޔާބުކުރީ 23-25 އިންނެވެ. މި ސެޓުގައި އެޗްޑީސީ އިން ވަނީ ފަހުކޮޅު މޮޅަށް ކުޅެ، 21-21 އިން ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް އެއަށްފަހު އެޗްޑީސީގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދި، މި ސެޓު ވެސް ގަންޑާކީ އިން ކާމިޔާބުކުރީއެވެ.

މެޗުގެ ތިން ވަނަ ސެޓުގައި އެޗްޑީސީއިން އެ ޓީމުގެ ކުޅުން ރަގަޅުކުރިއިރު، އެ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ތަފާތު ދައްކާފައެވެ. އަދި އެޓީމުން ވަނީ މި ސެޓު 25-23 އިން ކާމިޔާބުކޮށްފައެވެ. 

އަދި އެއަށްފަހު ހަތަރުވަނަ ސެޓުގެ ކުރީކޮޅު އެޗްޑީސީއިން ލީޑު ނަގައި މޮޅަށް ކުޅުނު ނަމަވެސް، ސެޓުގެ ފަހުކޮޅު ގަންޑާކީއިން ކުޅުން ރަގަޅުކޮށް މެޗު ކާމިޔާބު ކުރުމާ ގާތަށް ޖެހެލިއެވެ. އެގޮތުން މި ސެޓުގެ ސްކޯ 21-21 އިން އެއްވަރުވި ވަގުތުކޮޅެއް ވެސް ދިޔައެވެ. މި ސެޓުގައި އެޗްޑީސީގެ ކުޑަކާއްޓޭގެ އިތުރުން، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިދާގްވެސް ވަނީ މޮޅަށް ކުޅެފައެވެ. އަދި މި ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 30-28 އިންނެވެ.

ފަހު ސެޓުގައި އެޗްޑީސީއިން ރަގަޅު ލީޑެއް ނެގިއެވެ. ނަމަވެސް ގަންޑާކީއިން ސެޓުގެ ފަހުކޮޅު ވަނީ ކުޅުން ރަގަޅުކޮށްފައެވެ. އެޗްޑީސީއިން މި ސެޓު ކާމިޔާބުކުރީ 15-13 އިންނެވެ.

މި މުބާރާތުގައި އާދިއްތަ ދުވަހު ވެސް އެޗްޑީސީގެ މެޗެއް އޮންނާނެއެވެ. އެ މެޗުގައި އެ ޓީމު ބައްދަލު ކުރާނީ އިރާނުގެ ޗަދޯރުމަލޫއާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS