ވިޔަފާރި / ޚަބަރު
ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާއި ސުވާލާއި ޚިޔާލު ހުށަހެޅުމަށް ޕޯޓަލްއެއް ތަޢާރަފްކޮށްފި
ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާއި ސުވާލުތައް ހުށައަޅާ ޕޯޓަލް
ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމުގެ މަޤްޞަދުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ޚާއްޞަ ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް ދިމާވާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް ހައްލުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އިޤްތިޞާދީ ވުޒާރާއިން ތަޢާރަފްކޮށްފައިވާ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" އަކީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އެ ވުޒާރާއާ ހިއްސާކުރުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރުން ސުވާލުތަކަށް ޖަވާބު ހޯދުމާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އަދި ހުށަހަޅާ ކަންކަމުގެ އަދާހަމަ ބަލައި، އެކަމަކާ މެދު ނިންމާ ގޮތެއް ނުވަތަ ޖަވާބުދާރީ ވުމުގެ މަރުޙަލާ ދެނެގަނެވޭނެ ގޮތަށް މި ޕޯޓަލް ވަނީ ފަރުމާކޮށްފައެވެ.
މިއީ އީމެއިލް، ފޯނު ކޯލް ނުވަތަ ވުޒާރާއަށް ސީދާ ވަޑައިގަތުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ނިޒާމެކެވެ. މި ޕޯޓަލް ބޭނުންކުރުމަށް facilitation.trade.gov.mv ވެބްސައިޓުގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. އެއަށްފަހު ހުށަހަޅާ ކޮންމެ މައްސަލައަކަށް ނުވަތަ ޚިޔާލަކަށް ވަކި ރިފަރެންސް ނަންބަރެއް ލިބިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ކަންކަމުގެ އަދާހަމަ ބެލުމަށް ފަސޭހަވާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކުރުމަށް މިހާރު މާ ފަސޭހަ!
— Ministry of Economic Development,Transport & Trade (@MoEDmv) September 9, 2026
އީމެއިލް، ފޯނު ކޯލް ނުވަތަ މިނިސްޓްރީއަށް ވަޑައިގަތުމުގެ ބަދަލުގައި، ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ "ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" މެދުވެރިކޮށް ދިމާވާ… pic.twitter.com/yg7I4AxxyL
ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ވުޒާރާއާ ގާތުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު، މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޒަމާނީކޮށް ހުރިހާ ޚިދުމަތެއް ފަސޭހަކަމާއެކު އޮންލައިންކޮށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މިފަދަ ނިޒާމުތަކަކީ ފަސޭހައިން ބޭނުންކުރެވޭ އަދި ރައްޔިތުންނާ ގުޅޭ ނިޒާމުތަކަށް ވެގެންދާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް މިހާރަށް ވުރެ ހަރުދަނާކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވަޒީރު މުޙައްމަދު ސަޢިދު ވަނީ ވިދާޅުވެފައެވެ.