ޚަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަން ހުދު ސަމާލު
މާލެއަށް ވާރޭ ވެހުނު ދުވަހެއް. ފޮޓޯ: ސަން/ ފިޔާޒް މޫސާ
މޫސުން ގޯސްވެ ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ މައި އިދާރާ (މެޓް އޮފީސް)އިން ށ އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން މި އެލާޓު ނެރެފައި ވަނީ، މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 ގެ ނިޔަލަށެވެ. އަދި މެޓް އޮފީހުން ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/CdI3rX4y0Z
— Maldives Meteorology (@MetMaldives) September 10, 2026
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އެވްރެޖް ގޮތެއްގައި ރާއްޖޭގެ ދެކުނަށް އެހާ ވައި ގަދަ ނުވާނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި ގާތް ގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ކަނޑުތައް އެވްރެޖް ގޮތެއްގައި ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ގޯސްވަމުވާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރައްވައެވެ.