ޚަބަރު
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން ތިބިކަމަށް ދައްކައިފި
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
އޮގަސްޓު މަސް ނިމުނުއިރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ރަޖިސްޓްރީގައި 535 ތެލެސީމިއާ ޕޭޝަންޓުން ތިބިކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާގެ ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަނިވެސް އަލަށް 4 ކުދިން ވަނީ އެޖެންސީގައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް އެލަވަންސްގެ ގޮތުގައި 1.07 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގައި ލޭ އަޅާ ކުދިންގެ ޖުމްލަ ޙާލަތަށް ބަލާއިރު، މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި 981 މީހަކު ރަޖިސްޓަރކޮށްފައިވެއެވެ. ނަމަވެސް، އޮގަސްޓުމަހުގެ 4 ވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން ދުނިޔޭގައި ތިބީ 668 މީހުންނެވެ. މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ގިނައީ އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނެވެ. އެއީ 505 މީހުންނެވެ. މާލެ ސަރަޙައްދުގައި 163 މީހުން ދިރިއުޅޭއިރު، ޖެންޑަރގެ ނިސްބަތުން ބަލާއިރު ހިމެނެނީ 319 ފިރިހެނުންނާއި 349 އަންހެނުންނެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން ކަމުގައިވާ 215 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
އަތޮޅުތަކުގެ ތަފާސްހިސާބު އަދި ފަރުވާގެ އިންތިޒާމުތައް
އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި ފ. އަތޮޅުގައި 18 މީހުން އަދި ލ. އަތޮޅުގައި 43 މީހުން ލިސްޓްކުރެވިފައިވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ވ. އަތޮޅުގައި ތެލެސީމިއާ ބަލީގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅުގައެވެ. އެއީ އެންމެ 3 މީހުންނެވެ.
ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، މި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ސްކޫލު ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައިވާއިރު، ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯރެޓަރީއާއި، އެންޑޮކްރައިނޮލޮޖީ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކާއި، ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ ކޮންމެ ތެލެސީމިއާ ކުއްޖަކަށް 2000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާފައެވެ. އަދި 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މި 5 އަހަރުގެ ތެރޭގައި 50 ކުދިންގެ ފަރުވާއަށް ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.