ޚަބަރު
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފި
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި (ކީވޯލް) އަދި އެންކަރ ބްލޮކް އެޅުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި މިހާރު ސައިޓުގައި ކުރިއަށްދަނީ ބްލޮކް ލައިން އެލައިންމަންޓްގެ މަސައްކަތްތަކެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 66.40 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށަށް ލަފާފުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، ޒަމާނީ އަދި ރައްކާތެރި ބަނދަރެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.


މި މަޝްރޫޢުގެ ދަށުން ފުޅާ ދާއިރާއެއްގައި ފުންކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން 19,857 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ އިތުރުން 7,534 ކިއުބިކް މީޓަރުގެ ސަރަޙައްދެއް މެއިންޓެނަންސް ޑްރެޖިންގގެ ދަށުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި 246 މީޓަރުގެ އެއްގަމުތޮއްޓަކާއި، 172 މީޓަރުގެ ބޭރުތޮށި އަދި 164 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން އެތެރެއާއި ބޭރު ހިމެނޭހެން 156 މީޓަރުގެ ދެ ވެލި ބޭރުތޮށި (ސޭންޑް-ފިލްޑް ބްރޭކްވޯޓަރ) އެޅުމާއި، 1,149 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 132 މީޓަރުގެ ޖެޓީއެއްގެ އިތުރުން 27 މީޓަރުގެ ބްރިޖަކާއި 11 މީޓަރުގެ ރޭމްޕެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢު ނިމިގެންދާއިރު ނެރުބައްތި އާއި ބަނދަރު ސަރަޙައްދުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި އެއްގަމުތޮށީގެ 207 މީޓަރުގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދާ އެލައިންމަންޓް މަސައްކަތްތަކާއެކު މުޅި މަޝްރޫޢު ބާރުދުވެލީގައި ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.