Ads by Farudhun

ޚަބަރު

ބޭރު ފައިސާއާބެހޭ 2 ޤަވާއިދެއް އިސްލާހުކޮށް ގެޒެޓްކޮށްފި

ބޭރު ފައިސާއާބެހޭ 2 ޤަވާއިދެއް އިސްލާހުކޮށް ގެޒެޓްކޮށްފި

އެމްއެމްއޭގެ އިމާރާތް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2026، 03:14

10 ސެޕްޓެމްބަރު 2026، 03:14

ބޭރުފައިސާގެ މުޢާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަންޖެހޭ ގޮތަށް، ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ދެ ޤަވާއިދެއް އިސްލާހުކޮށް ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ބޭރުފައިސާއާ ބެހޭ އާންމު ޤަވާއިދަށް ގެނެވުނު އިސްލާހުގައި، ވިޔަފާރިތަކަށް ލުއިތައް ދިނުމުގެ އިޖުރާއަތުތައް ވަނީ ތަފްސީލުކޮށްދީފައެވެ. މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭއިރު، ބޭރުފައިސާގެ އިލްތިޒާމުތައް ހަމަޖައްސަންޖެހޭ ހާލަތްތަކުގައި ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ލިބިދީފައެވެ. އެގޮތުން، ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި އެކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގެ އުސޫލުތައް ބަޔާންކޮށް، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުގެ ދަށުން ޤާނޫނުގައި ބަޔާންކުރާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައްވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އިންޝުއަރެންސަށް ފައިސާ ދެއްކުމާއި، ހިއްސާދާރުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާއި، ޤާނޫނުގެ ތެރެއިން ހުއްދަދެވޭ ވިޔަފާރި މުޢާމަލާތްތަކުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކާއި މަތީ ތަޢުލީމާ ގުޅޭ މުޢާމަލާތްތައް ހިމެނެއެވެ. ބޭރުފައިސާ މާރުކުރަންޖެހޭ މިންވަރު މުރާޖާކޮށްދިނުމަށް ހުށަހަޅާއިރު މީރާގެ ޓެކްސް ކްލިއަރެންސް ރިޕޯޓާއި، އިލްތިޒާމާ ގުޅުންހުރި ލިޔުންތައް ހުށަހަޅަންޖެހޭއިރު، އެމްއެމްއޭއިން ވަނީ މި މަރުހަލާ އަވަސްކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ޤަވާއިދަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތް ނުވާ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހޭ އަހަރީ އާމްދަނީގެ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމުގެ ބޭނުމަށް ޚާއްސަ އެކައުންޓެއް ހަމަޖައްސަންޖެހޭތީ، ރަޖިސްޓްރީ ކުރާއިރު މާރުކުރުމަށް ބޭނުންކުރާ ޚާއްސަ އެކައުންޓު ހިމެނުމަށްވެސް ޤަވާއިދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހު މިހާރު ތަންފީޒު ކުރަން ފަށާފައިވާއިރު، އެމްއެމްއޭއިން ވަނީ ޤާނޫނުގައި ހިމެނޭ އެންމެހައި ކަންކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450