ޚަބަރު
މިދިޔަ އަހަރަށް ވުރެ ގިނައިން މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރާނެ: ވަޒީރު އަމީން
ވަޒީރު އަމީން. ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ކުރީކޮޅުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދު 2025 ވަނަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރު ފެށުނުއިރު ސަރުކާރުން 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފި ނަމަވެސް، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު އެ އަދަދަށް ވާސިލުނުވެވޭނެ ކަމަށެވެ. އަދި ފެބުރުއަރީ މަހު ފެށުނު އީރާނު ހަނގުރާމައާއެކު އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، މިހާރު ފަތުރުވެރިން އަންނަ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނަ ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ކުރިއެރުން ހޯދުނީ ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާ ގުޅިގެން ކުރި މަސައްކަތުންނެވެ. މިގޮތުން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުކުރުމާއި އާ ރޫޓުތަކުން އުދުހުންތައް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، މާޗް އޭޕްރީލުގައި 24 އިންސައްތައެއްހައި ހިސާބުގައި ހުރި ދަށްވުން މިހާރު ރިކަވާކުރެވިގެން އައިސް، 2.6 އިންސައްތައާ ކައިރިކުރެވިފައި އޮތީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުން ފަހު ކުއާޓާގެ ވަރަށް އުންމީދީ މަންޒަރެއް މިފެންނަނީ. އެ ހިސާބުތަކަށް ބަލާއިރުގައި މިދިޔަ އަހަރަކަށްތުރެ އަޅުގަނޑުމެންގެ ޓުއަރިސްޓު އެރައިވަލް ދަށްވެގެނެއްނުދާނެ،" ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ހަނގުރާމަ ފެށިގެން އައި ފުރަތަމަ ދެތިން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވި ނަމަވެސް، ފަހުން އެ ފަރަގު ކުޑަކުރެވި، އޯގަސްޓު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.