ޚަބަރު
ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުންތައް އުވާލަނީ
ވަޒީރު އަމީން. ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ އައު ޤަވާޢިދެއް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. މި ޤަވާއިދުގެ ދަށުން 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލުމަށް ވަނީ ހިމަނާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް އެބައޮތެވެ. އޭގެ ތެރޭގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއް ވީއިރުވެސް އޮޕަރޭޝަނަށް ނުގެނެވި ހުރި ރަށްތައް ހިމެނޭއިރު، މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް ފަޅު ރަށްރަށާއި ރަށްތައް ނަންގަވައިގެން ދިގު މުއްދަތެއްގައި ތިބުމަކީ އެއްގޮތަކަށްވެސް އޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން އެދުމުން އެ ފައިސާ ބާކީ އޮންނަ މުއްދަތަށް ބަހާލައިގެން ދިއުމުގެ ނަތީޖާ ކަމަށާއި، އަލަށް ފަށާ މަސައްކަތުން މި ފައިސާ އަނބުރާ ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރިއަށް ނުދާ ތަންތަން 4 ގިންތިއަކަށް ބަހާލައިގެން ހައްލުކުރެވޭނެ ގޮތަށް ޤަވާޢިދު އެކުލަވާލާފައިވާ ކަމަށެވެ. "ޤަވައިދުގެ ތެރެއިން އިތުރު އޮޕްޝަންތައް އިތުރަށް ޑިވެލޮޕްކުރަންވެސް އެބަދެން. މަސައްކަތް ފަށާފައި ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު އޮޕޮޗުނިޓީވެސް ދެން. އޭގެ އިތުރަށް، 4 ކެޓަގަރީއަކަށް ޤަވާއިދު ބަހާލާފައި އޮތްއިރު 8 އަހަރަށްވުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތްނަމަ އިމީޑިއަޓް ނުވަތަ ވަގުތުން ޓާމިނޭޝަނަށް ދާނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.
މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކަކާއި ޚާއްޞަ އިޖުރާއާތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ބައެއް ތަންތަން އުވާލެވި، ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފެށި އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވުޒާރާއިން ބަޔާންކުރެއެވެ.
މިފަދަ މަޝްރޫޢުތައް ދިގުލައިގެން ދިއުމަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ ޢާމްދަނީތައް ދައުލަތަށް ނުލިބި، ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދާ ކަމެއްކަން ފާހަގަކޮށް، ވުޒާރާއިން ބުނީ މި ޤަވާއިދުގެ ސަބަބުން ދައުލަތަށް ގެއްލޭ ޢާމްދަނީ އަނބުރާ ލިބި، ރައްޔިތުންނަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.