ވިޔަފާރި / ޚަބަރު
މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ
ވެލާނާ އެއާޕޯޓުގައި މަތިންދާބޯޓުތަކެއް ޕާކުކޮށްފައި / ފޮޓޯ: އެމްއޭސީއެލް
މި އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަމަޖެހިގެންދިޔަ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަލަށް ފަށާ ދަތުރުތަކުގެ ތެރޭގައި ރަޝިއާ، ބަލްގޭރިއާ، ވިއެޓްނާމް، އާރްމޭނިއާ، ފްރާންސް، އިތިއޯޕިއާ އަދި ކުވެއިތުން ފަތުރުވެރިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަންޒިލްތަކަކީ މީގެ ކުރިންވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ބާއްވާފައިވާ މަންޒިލްތަކެކެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަހަރު ފެށުނުއިރު ސަރުކާރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމުގައި ވީނަމަވެސް، ދުނިޔޭގެ މަސްރަޙަށް އައި ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ ހެދި އެ އަދަދަށް ވާސިލުވުމުގައި ދަތިތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް، ފެބުރުއަރީ މަހު ފެށުނު އީރާނު ހަނގުރާމައާ ގުޅިގެން އަހަރުގެ ކުރީކޮޅު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި ގޮންޖެހުންތަކުން އަރައިގަނެވި، މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އަނެއްކާވެސް ބާރުމިނެއްގައި އިތުރުވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަހަރުގެ ފަހު ކުއާޓާގައި އަލަށް ފަށާ މި ދަތުރުތަކާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރަށް މައްޗަށް ގޮސް، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.