ޚަބަރު
ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެންބަރު 19ގައި ބާއްވަން ނިންމައިފި
2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
މި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުވެސް ދެއްވުން އޮންނާނެއެވެ. މިއީ ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމަށް ހޮވާ ފަރާތްތައް ކަނޑައަޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
އަދި މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެއެވެ. މިއީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.