ޚަބަރު
ކެނަބިސް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފް---
ގިނަ އަދަދެއްގެ ކެނަބިސް ޓްރެފިކްކުރި މައްސަލައެއްގައި ކުށް ސާބިތުވި ދިވެއްސަކު 25 އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފަށެވެ.
މުޙައްމަދު ޝަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލީ، އެހެން ބަޔަކާ ބައިވެރިވެގެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ އެކޮމޮޑޭޝަން އަދި މެއިންޓަނަންސް ބްލޮކް ފާސްކުރިއިރު، އެތަނުގައި ފޮރުވާފައި ހުރި 6.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނި، ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މި މައްސަލައިގައި ކޯޓުން މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، މަސްތުވާތަކެތި ފެނުނު ސަރަހައްދަކީ އާންމުކޮށް މީހުން ވަދެނިކުމެ އުޅޭ ތަނެއް ނަމަވެސް، އެއީ ޝަރީފް ވެސް ގޮސް އުޅޭ ތަނެއްކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި މަސްތުވާތަކެތި އަޅާފައި ހުރި ހޮޅިގަނޑަކުންނާއި، މަސްތުވާތަކެތީގެ އަސަރު ހުރި ޑިޖިޓަލް ކައްޓާއަކުން ފެނުނު ފިންގަޕްރިންޓަކީ ޝަރީފްގެ ފިންގަޕްރިންޓްކަން ވަނީ ސާބިތުވެފައެވެ.
މީގެއިތުރުން، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރި ޒާތުގެ ފުޅިތަކެއް ޝަރީފް ފިހާރައަކުން ގަނެގެންދާ މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަން ހުރި ނަމަވެސް، އެ ތަނުގެ އެހެން ބައިތަކުން ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ސީދާ ގުޅުވައިދޭ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ހެކިތަކުގެ މައްޗަށް ބިނާކޮށް، ޝަރީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި، 6 މަހާއި، 22 ދުވަހުގެ ޖަލު ބަންދެކެވެ. ހަމައެއާއެކު، 100،000 ރުފިޔާގެ ޖޫރިމަނާ، ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ނިންމުމަށް ވެސް ހުކުމުގައި ވަނީ އަންގާފައެވެ.