ޚަބަރު
މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އާންމުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް މާލީ އެހީތެރިވުމުގެ އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.
މި އުސޫލަކީ ސަރުކާރުން މީޑިޔާތަކަށް ދައުލަތުގެ ބަޖެޓުންދޭ މާލީ އެހީގެ ދަށުން ކަންކަން ކުރުމަށް ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރައިން ކުރިން އެކުލަވާލި އުސޫލު ބާތިލްކުރުމަށްފަހު އެކުލަވާލި އުސޫލެކެވެ.
މި އުސޫލުގައި ވެސް ބުނާ ގޮތުން އެ މީޑިއާއަކީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއެއް ކަމަށްވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވާންޖެހެއެވެ. މި އުސޫލުގެ ދަށުން ފައިސާ ދޫކުރާނީ މީޑިއާއެއް ހިންގާތާ އަހަރު ދުވަސް ވެފައިވާ މީޑިޔާތަކަށެވެ.
މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް މާލީ އެހީ ލިބޭނީ އެ ފަރާތަކުން ހިޔާރުކުރާ އެއް މީޑިޔާ އަކަށް ކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައްވެސް ހިމަނާފައިވާއިރު ކޮންމެ މިޑިއާއަކުން ވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ކޮމިޝަނުން އެކަމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ. އަދި މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ދެވޭނެ ކަމަށް ބުނެފައިވެއެވެ.
މީޑިޔާތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކެއް ވެސް މި އުސޫލުގެ ދަށުން ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި މީޑިޔާގެ މުއްދަތު، މުވައްޒަފުންގެ އަދަދު، މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި އިދާރީ އިންތިޒާމު، ބިޒްނަސް ޕްލޭންގެ އިތުރުން ކޮންޓެންޓާއި ބާވަތަށް ވެސް ބަލާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވަނީ މީޑިޔާތަކަށް ފައިސާ ދިނުމުގައި ބަލާނީ 50 މާކްސް އިން މަތިން ލިބޭ މީޑިޔާތަކަށް ކަމަށެވެ. އަދި އުސޫލުގެ ދަށުން މީޑިއާ ކޮމިޝަނުން ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި، ބްރޯޑްކާސްޓް މީޑިއާއާއި އޮންލައިން މީޑިއާ ހިމެނޭހެން، އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކުހުގެ މަގުން އުނިކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.