ޚަބަރު
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު---
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް މިއަދު ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި ބޭރުގެ ބައެއް ޢިއްޒަތްތެރި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްގެންދަނީ މީގެ ކުރީގެ އަހަރުތަކާ ޚިލާފަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އެގޮތުން، ކުރިން ކޮންމެވެސް މުއައްސަސާއެއް ނުވަތަ ސްކޫލެއް ތަމްސީލުކޮށްގެން ބައިވެރިވާން ޖެހުނު ނަމަވެސް، މި އަހަރުގެ މުބާރާތަކީ ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އަމިއްލަ ހައިސިއްޔަތުން (ފަރުދީ ގޮތުން) ބައިވެރިވެވޭ ގޮތަށް އޮޑިޝަން ބުރަކާއެކު ބާއްވާ ފުރަތަމަ މުބާރާތެވެ. ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އޮޑިޝަން ބުރުގެ އިތުރުން ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ކުރިއަށްދާނެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެއްދެވުމަށާއި، މި މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިއީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ފަންނު އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.