ޚަބަރު
ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވެ ފެންބޮޑުވެދާނެކަމަށް ލަފާކޮށްފި
ވާރޭވެހުމުގެ ސަބަބުން ރަށެއްގައި ފެންބޮޑުވެފައި / ފޮޓޯ: އެންޑީއެމްއޭ
ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އޮރެންޖު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދުގެ 11:45 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުޞަތު ބޮޑުކަމަށް ލަފާކުރެވޭތީ، އެ އިދާރާއިން ވަނީ އެ ސަރަހައްދަށް އޮރެންޖު އެލާޓް ނެރެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް ލަފާކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި އިތުރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Possible flooding due to torrential rain in the southernmost atolls. pic.twitter.com/fAjZKLZJrl
— Maldives Meteorology (@MetMaldives) September 11, 2026
މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު މެނުވީ ދަތުރު ނުފެށުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯއާއި، އެތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް ކޯސްޓުގާޑުން ބުނެފައިވެއެވެ. މީގެއިތުރުން، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ދަތުރުކުރާ އެންމެހައި ފަރާތްތަކުން ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.