Ads by Farudhun

ޚަބަރު

މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ އިޖުތިމާއީ ރުކުން ދަމަހައްޓައިގެން: ޚުޠުބާ

މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ އިޖުތިމާއީ ރުކުން ދަމަހައްޓައިގެން: ޚުޠުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އިއްވަނީ / ފައިލް ފޮޓޯ

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2026، 01:32

11 ސެޕްޓެމްބަރު 2026، 01:32

މުޖުތަމަޢެއްގައި އިސްލާމްދީން ދެމިއޮންނާނީ މާތް ﷲ ގެ އެއްކައުވަންތަކަމުގެ މައްޗަށް މީސްތަކުން ތަރުބިޔަތުކޮށް، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނަ އާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ މަތިވެރި ދީނެކެވެ. އަދި އިސްލާމީ މުޖުތަމަޢަކުން އަބަދުވެސް ރަމްޒުކޮށްދޭންވާނީ މުސްލިމުންގެ ރިވެތި އުޅުމާއި އަޚުލާޤު ކަމަށާއި، މި ޙަޤީޤަތް ކަށަވަރުކޮށްދެއްވައި ކައުރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ." މިފަދައިން ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެއިތުރުން، އިސްލާމްދީނަކީ ހެޔޮކަމުގެ މަގަށް ގޮވާލާ، ހެޔޮކަންކަމަށް އަމުރުކުރާ، އަދި ނުބައި ކަންކަން ނަހީކުރާ ދީން ކަމަށްވުމުން، އެ އިޖުތިމާޢީ ރުކުން އަޅުގަނޑުމެންގެ ތެރޭގައި އަބަދުމެ ދެމިއޮންނަން ޖެހޭނެ ކަމަށް ޚުޠުބާގައި ވަނީ ބާރުއަޅާފައެވެ.

ޤައުމެއްގައި އިސްލާމްދީން ދެމެހެއްޓުމުގެ މަޤުޞަދު ޙާޞިލުކުރުމަށްޓަކައި ޤާނޫނީ، ސިޔާސީ، ތަޢުލީމީ އަދި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ޚުޠުބާގައި ފާހަގަކުރިއެވެ. އެގޮތުން، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި، ދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި، އެއާ އެއްގޮތަށް ޝަރުޢީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަން ވެސް ހާމަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު، ދިވެހި ދައުލަތުން އެކަމަށް ދިން ޚާއްޞަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ. އަދި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމާއި، ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބީގެ ބޮޑުކަމުން ކަމަށްވާތީ، މިކަންކަން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާކުރަން ޖެހެއެވެ.

އެހެންކަމުން، ސިޔާސީ އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަން ހިމެނުމަށާއި، އިސްލާމީ ޢަޤީދާ ރައްކާތެރިކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކޮށް ދަރީން ތަރުބިޔަތުކުރުމަށް ޚުޠުބާގައި ގޮވާލިއެވެ. ހަމައެއާއެކު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ތަޢުލީމުދޭ ޔުނިވަރސިޓީތަކާއި ކޮލެޖުތައް އިތުރަށް ޤާއިމުކޮށް، ޙާފިޒުންނާއި އިމާމުން އަދި އިސްލާމީ މުޖުތަމަޢަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްރޫޢުތައް ފުޅާކުރުމަކީ ޤައުމުގައި ދީން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޚުޠުބާގައި ވަނީ ނިންމާލައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450