ޚަބަރު
ބޯޓު ޖެހުމުގެ ސަބަބުން ސިނަމާލެ ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަނެއް
ބުރިޖުގެ ތަނބަށް ގެއްލުން ލިބުނުތޯ ބެލުމަށް އިންސްޕެކްޝަން ކުރިޔަށް ގެންދަނީ / ފޮޓޯ: ޕީއެސްއެމް
މާލެ އާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ތަނބެއްގައި އޮޔާދިޔަ ދެ ބޯޓެއް ޖެހުނު ހާދިސާއާ ގުޅިގެން، ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ޚާއްޞަ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމށް، ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ އިރުމަތީ ފަރާތުން އޮޔާގޮސް ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ޖެހިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި އޮތް ތެޔޮ އުފުލާ ޒާތުގެ ދަގަނޑު ދެ ބޯޓެވެ. މި ދެ ބޯޓު އޮޔާދިޔައީ މޫސުން ގޯސްވެ، އަޅާފައި އޮތް ނަގިލި ކަހާލައިގެން ކަމަށް ވަނީ އެނގިފައެވެ.
މި ހާދިސާއާ ގުޅިގެން ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް "ޕީއެސްއެމް ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރެއިން ފެށިގެން އެ ސަރަޙައްދުގައި ބުރިޖުގެ އިންސްޕެކްޝަނެއް ފަށާފައިވާކަމަށެވެ. އަދި މިކަމާ ގުޅިގެން ހަދާ އެސެސްމަންޓްތައް ނިމުމުން، އޭގެ މަޢުލޫމާތު ޙިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިނާމާލެ ބުރިޖު ތަރައްޤީކުރީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނިންނެވެ. ބުރިޖުގެ މަސައްކަތް ނިމުމަށްފަހުވެސް، ބުރިޖުގެ މެއިންޓަންސް މަސައްކަތްތައް ކުރިއަށްގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާއެކުއެވެ. މި ހާދިސާއާއި ގުޅިގެން އިންސްޕެކްޝަންގެ މަސައްކަތް، އެ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ބުރިޖުގައި ވަނީ ފަށާފައެވެ.