Ads by Farudhun

ޚަބަރު

ބޯޓުތައް ޖެހުނު ހާދިސާއާ ގުޅިގެން ބުރިޖުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ނުލިބޭ: ވަޒީރު

ބޯޓުތައް ޖެހުނު ހާދިސާއާ ގުޅިގެން ބުރިޖުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ނުލިބޭ: ވަޒީރު

ބުރިޖަށް ގެއްލުންވެފައިވޭތޯ މޮނިޓަރ ކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ސެޕްޓެމްބަރު 2026، 04:18

11 ސެޕްޓެމްބަރު 2026، 04:18

އޮޔާދިޔަ ދެ ބޯޓު ސިނަމާލޭ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި ގުޅިގެން ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރޭ ހިނގި މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ނުރައްކާތެރި ހާލަތަކުން ސަލާމަތްވީ ކިރިޔާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން، ބުރިޖު އެޅި ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރެޔާއި މިއަދު ހެނދުނު ވަނީ ބުރިޖު ބަލައި، ގެއްލުންތައް ވަޒަންކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޖިނިއަރުންގެ ބެލުމަށްފަހު، މާތް ﷲ ގެ ރަޙްމަތްފުޅުން ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ބުރިޖުގައި ބޯޓު ކޭއްތިފައި ހުރުމުން ކުދިކުދި ގެއްލުންތައް ފާހަގަވެފައިވާކަން ވެސް  މުއްޠަލިބު ވިދާޅުވިއެވެ. އަދި މި ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މޮނިޓަރިންގ، އިންސްޕެކްޝަން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް އެސްއެޗްއީސީން ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެ ކައިރިން ކޮންޓްރޯލުން ނެއްޓޭ އުޅަނދެއްގެ ސަބަބުން ދެ ބުރިޖަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން މުޅި ވެރިރަށުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންވާނީ ހާދިސާއެއް ހިނގުމުގެ ކުރިން ކަމަށެވެ.



މިގޮތުން ސަރުކާރުން އިސްނަގައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ބާރުގަދަ އޮއިވަރުގައި އޮޔާދާ އުޅަނދުފަހަރު ބުރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގުބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އެ ޓަގުބޯޓުތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބާއްވާއިރު ހަމަޖައްސަންޖެހޭ އިންތިޒާމުތައް އިތުރަށް މުރާޖަޢާކޮށް، އެމްއެންޑީއެފް ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުވާޞަލާތުކުރުމާއި ފިޔަވަޅު އަޅާނެ ހަރުދަނާ އުޞޫލުތަކެއް އެކުލަވާލައްވާނެ ކަމަށްވެސް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450