ޚަބަރު
ރައީސް ޔާމީން ހިންގެވީ 'އަނދިރި ދައުލަތެއް': ސައުދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރެއްވި ސައުދު / ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކިއެކި ފޯރަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކުގެ ބަސްމަގު ހުންނަ ގޮތުން، އެ މަނިކުފާނަކީ ރާއްޖޭގައި ދުވަހަކުވެސް ވެރިކަން ކުރައްވާފައިވާ ބޭފުޅެއްހެން ހީނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރެއްވި ސައުދު، 'އެކްސް' ގައި ރައީސް ޔާމީންއަށް އަމާޒުކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަހުގެ ތާރީޚެއްގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނަށް އެ ބޭފުޅުން ވެރިކަން ކުރެއްވި ގޮތް ހަނދާން ނެތުނީތޯ ނުވަތަ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި ހިތުހުރި ގޮތަކަށް ވާހަކަ ދައްކަވަނީތޯ ހިތަށްއަރާ ކަމަށެވެ.
ސައުދު ވިދާޅުވީ 2013 އިން 2018 އަށް ރާއްޖޭގައި ރައީސް ޔާމީން ކުރެއްވި ވެރިކަމަކީ ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ އަނިޔާވެރި، ކޮރަޕްޓް އަދި ޚުދުމުޚުތާރު ވެރިކަން ކަމަށެވެ. އަދި އެ ވެރިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި އެންމެންނަށް ނުޙައްޤުން ދަޢުވާ އުފުލައި، ގިނަ ބަޔަކު ފްރޭމްކޮށް ޖަލަށްލައިގެން ހިންގެވީ 'އަނދިރި ދައުލަތެއް' ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. މިއީ ވިސްނާ ބަޔަކަށް ހުރި ޢިބުރަތެއް ކަމަށްވެސް ސައުދު ފާހަގަކުރެއްވިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ ވާހަކަ ރައީސް ޔާމީން ދައްކަވާ އަޑު އިވުމުން ހިތަށް އަރައެވެ، މިހާރު ދިވެހި ރާއްޖޭގައި ފަހުގެ ތާރީޚްގައި ވެރިކަން ކޮއްފައިވާ ބައެއް ބޭފުޅުންނަށް އެބޭފޫޅުން ވެރިކަން ކުރެއްވި ގޮތް ހަދާންނެތުނީތޯއެވެ، ނޫނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި ހިތުހުރި…
— Saud Hussain (@SaudVillingili) September 11, 2026
ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ އިސް ގިނަ ލީޑަރުންތަކެއް ހައްޔަރުކޮށް ޖަލަށް ލާފައިވާއިރު، އޭރުގެ ސަރުކާރާ ޚިޔާލު ތަފާތުވި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލައަކީވެސް އެ ދުވަސްވަރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ކަންކަމެވެ. އެގޮތުން ސައުދު ޙުސައިންއަކީ ވެސް އޭރު ގޮނޑި ގެއްލުވާލި ކަމަށް ކަނޑައެޅި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.