ޚަބަރު
ޕީއެންސީގެ އިސް ދެ މަގާމަކަށް ހީނާ އާއި އަބާން އިންތިހާބުވެއްޖެ
ޕީއެންސީގެ ޖަލްސާއެއްގައި ހީނާ ވާހަކަދައްކަވަނީ---
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ދެ މަގާމަކަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އަދި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލްލަތީފް އިންތިހާބުވެވަޑައިގެންފިއެވެ.
މި ދެ ބޭފުޅުން މި މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވީ، ޕީއެންސީގެ މަތީ މަޖިލިސް ހޮވުމަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިހާބުގައި މި ދެ ބޭފުޅުން ކުރިމަތިލެއްވި މަގާމުތަކަށް އިތުރު އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ. އެހެންކަމުން، ބައެއް މަގާމުތަކަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައްވާފައި ވުމުން ވޯޓަކާ ނުލައި އެ މަގާމުތަކަށް ބޭފުޅުން އިންތިހާބުވެފައިވާކަން ޕީއެންސީން މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.
މި އިންތިހާބުގައި ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ހީނާ އިންތިހާބުވެވަޑައިގެންނެވިއިރު، ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ އިބްރާހިމް އަބާން އަބްދުލްލަތީފެވެ.
މީގެ އިތުރުން ވެސް، ވޯޓަކާ ނުލައި އެ ޕާޓީގެ ގިނަ މަގާމުތަކަކަށް ބޭފުޅުން ވަނީ ހޮވިވަޑައިގެންފައެވެ. އެގޮތުން:
- އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސް: އައިމިނަތު ހުސެއިން ޝަރީފް
- ޒުވާނުންގެ ހަރަކާތުގެ ނައިބު ރައީސް: ހަސަން ޝަހީދު (ސަންޗޭ)
- އަންހެނުންގެ ހަރަކާތުގެ ސެކްރެޓަރީ: އައިމިނަތު ނާސިހާ
- ޒުވާނުންގެ ހަރަކާތުގެ ސެކްރެޓަރީ: އިސްމާއިލް އަޒްމީ
- އަންހެނުންގެ ހަރަކާތުގެ ހަޒާންދާރު: އައިމިނަތު ޝިޒުލީން
- ޒުވާނުންގެ ހަރަކާތުގެ ހަޒާންދާރު: މުހައްމަދު ރިފާއު
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަވެރިކަން ބޮޑުވެފައިވާ މަގާމުތަކަށް ބަލާއިރު، ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް އިންތިހާބު ކުރަން ހަމަޖެހިފައިވާ ހަ މަގާމަށް އަށް ބޭފުޅަކު ދަނީ ވާދަކުރައްވަމުންނެވެ.
ހަމައެއާއެކު، ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރާ 10 އަންހެން މެމްބަރުންގެ މަގާމަށް 22 ބޭފުޅަކު އަދި ހަތް ޒުވާން މެމްބަރުންގެ މަގާމަށް 13 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރާ 18 އާންމު މެމްބަރުންގެ މަގާމަށް ޖުމްލަ 73 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މި މަގާމުތަކަށް މެންބަރުން ހޮވުމުގެ ވޯޓުލުން ކުރިއަށްދާނީ މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.