ޚަބަރު
ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާ ފަށައިފި
ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާ ފެށުން. ފޮޓޯ: ޕީއެސްއެމް
މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ބާއްވާ 8 ވަނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާ ރަސްމީކޮށް ފަށައިފިއެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި މަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށްދާނީ ޝަހީދު ޢަލީ ސްކޫލުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ޚިޔާލު ބަދަލުކުރުމެވެ.
މިއަހަރުގެ މަހާސިންތާގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކެމްބްރިޖު ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓް ސައުތު އޭޝިއާގެ މެނޭޖިންގ ޑިރެކްޓަރ އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ މަހާސިންތާގައި ކީނޯޓް ތަޤުރީރު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާގެ ފުރަތަމަ ދުވަހު "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖިޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން" ގެ މަޢުޟޫއަށް އަދި ދެވަނަ ދުވަހު "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިއުސް، ރެލެވަންސް އެންޑް ޑައިވަރސް ޕެތްވޭސް" ގެ މަޢުޟޫއަށް ޕެނަލް މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި ބައިވެރިންނަށް ޚާއްޞަކޮށްގެން 4 މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން، ގއ. މާމެންދޫ ސްކޫލް، މުޙިއްޔިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުން އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހަޅާނެއެވެ. އަދި ދެވަނަ ދުވަހު ގުޅުން ބަދަހިކުރުމުގެ ގޮތުން ރޭގަނޑުގެ ކެއުމެއް ވެސް އޮންނާނެއެވެ.
މި މަހާސިންތާގައި ސްރީލަންކާ، ޕާކިސްތާން، މިޞްރު، އޮސްޓްރޭލިއާ އަދި އިންޑިއާގެ ތަޢުލީމީ ދާއިރާގެ ފަންނީ މާހިރުން ބައިވެރިވެ، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް މަޢުލޫމާތު ހިއްސާކުރާނެއެވެ. 2026 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާއަށް ޚާއްޞަކޮށްފައިވާ ޝިޢާރަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ" އެވެ.