ޚަބަރު
ގްރޭޑް އެކެއްގެ ފޮތްތަކަށް އަންނަ އަހަރު ބޮޑު ބަދަލެއް ގެންނަނީ
ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު. ފޮޓޯ:ޕީއެސްއެމް
ދަރިވަރުންނަށް ތައުލީމު ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ޓަކައި އަންނަ އަހަރު ކީސްޓޭޖް 1އިން، ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޝަހީދު އަލީ ސްކޫލްގައި ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ 8 ވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކޮންޓެންޓަށް ބަދަލު ގެނެސް ފޮތްތައް ބަދަލުކުރެވުނު ނަމަވެސް، ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށެވެ. "އަންނަ އަހަރުގައި ކީސްޓޭޖް 1، ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ، އަދި މިއާއެކު ފޮތްތައް ބަދަލު ކުރެވުނަސް، ހަގީގީ ބަދަލެއް އަންނާނީ ތިޔަބޭފުޅުން ކުރާ މަސައްކަތުންނޭ، ފޮތެއް އޮތަސް އެދުރެއް ނުވާނެއޭ. ފޮތެއް ނޫން މުހިންމީ ހަގީގަތުގައި، މުހިންމީ އަޅުގަނޑުމެންގެ ތުއްތު ދަރިވަރުންގެ އެޑިއުކޭޝަން ބައްޓަން ކުރާ ގޮތް،" ޑރ. ޝަފީއު ވިދާޅުވިއެވެ.
މަތީ ސާނަވީ ތައުލީމާއި ޓީޗަރުންގެ ދައުރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރު ހަވާލުވިއިރު ސާނަވީން މަތީ ސާނަވީއަށް ބަދަލުވާ ކުދިންގެ އަދަދު މަދު ނަމަވެސް، މިހާރު އެ އަދަދު 50 އިންސައްތައާ ގާތްކުރާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި މާލޭގައި ގާއިމްކުރެވޭ ވޮކޭޝަނަލް ހައި ސްކޫލާ އެކު، ކުރިއަށް އޮތް އަހަރުތަކުގައި މަތީ ތައުލީމީ މަރުހަލާގައި 60 އިންސައްތަ ކުދިންނަށް ޖާގަ ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މުދައްރިސުންނަށް ލިބިގެންވާ ބާރާއި އިހުތިޔާރު ހަނިކޮށްފިނަމަ ދަރިވަރުންގެ ހަޔާތުން މުހިންމު ބައެއް ބާކީވެގެންދާނެ ކަމަށް ފާހަގަކުރައްވައި، ސްކޫލްތަކުގެ ހިންގުމުގައްޔާއި ނިންމުންތަކުގައި މުދައްރިސުންނާއި ބެލެނިވެރިން ޝާމިލުކުރުމަށް ޕްރިންސިޕަލުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.