Ads by Farudhun

ޚަބަރު

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބު ރައީސް

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބު ރައީސް

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2026، 02:03

12 ސެޕްޓެމްބަރު 2026، 02:03

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދާނުކުރެވޭނެ ކަމަށާއި، ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާއަކީ ނުހަނު މުހިންމު އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތަކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވާ މަސައްކަތުގައި ވަރަށް މުހިންމު ހަރަކާތްތަކެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިފަދަ މަހާސިންތާތަކުގައި ހިއްސާކުރާ މައުލޫމާތަކީ ބަދަލުވަމުން އަންނަ ދުނިޔެއަށް ނުހަނު މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، އަންނަ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދަރިވަރުން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް އެންމެ ފުރިހަމަ މަސައްކަތެއް ކުރެވޭނީ ޓީޗަރުންނަށް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، "އެއްވެސް ޓެކްނޮލޮޖީއަކަށް ޒިންމާދާރު ޓީޗަރެއްގެ ދައުރު އަދާނުކުރެވޭނެ. ޓެކްނޮލޮޖީން ވަސީލަތްތައް ފޯރުކޮށްދިން ނަމަވެސް ދަރިވަރުންނަށް އެ ކުދިންގެ ފުލް ޕޮޓެންޝަލް ރިއަލައިޒް ކުރުވަނީ ޓީޗަރުން. އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދޭން،" ކަމަށެވެ.

މީގެއިތުރުން، ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ. އަދި ޓީޗަރުން ތަޢުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން ކަމަށާއި، ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ފުރުސަތުތައް ފަހިވާނޭހެން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ޤައުމުގެ ކުރިއެރުމަށް ޓެކްނިކަލް ދާއިރާތަކުންނާއި ވޮކޭޝަނަލް ހުނަރުތައް ލިބިފައިވާ ޒުވާނުން މުހިންމު ކަމަށާއި، ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ކުރިއެރުވުމަކީވެސް މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450