ޚަބަރު
ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ވިއްސާރާއިގައި އައްޑޫގައި ފެންބޮޑުވެފައި. ފޮޓޯ:އެމްއެންޑީއެފް
މޫސުން ގޯސްވެ، ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި އިލްތިމާސްގައި ވަނީ، ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުން ފަދަ ޒަރޫރީ ކަންކަމުގައި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނުވަތަ ކެއްކި ވާރޭފެން ނުވަތަ ސަޕްލައި ފެން ބޭނުންކުރުމަށް އެދިފައެވެ.
މީގެއިތުރުން ނަރުދަމާ ނުވަތަ ޖަންގްޝަން ފުރިގެން ފެން ނުކުންނަނަމަ، ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޕަބްލިކް ހެލްތު ޔުނިޓަށް އެންގުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.
ހަމައެއާއެކު، މަގުތަކުގައާއި ގޯތިތެރޭގައި ހެދިފައި ހުންނަ ފެންގަނޑުތަކުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކެއުމުގެ ކުރިން އަދި ފާހާނާ ބޭނުންކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން އާންމު ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ސައިބޯނިލައިގެން ސާފުފެނުން ގިނަގިނައިން އަތްދޮވުމަށް އެ އިދާރާއިން ހަނދާންކޮށްދެއެވެ.