ޚަބަރު
އިސްލާމްދީނަކީ ދެ ދުނިޔެއިން ސަލާމަތްވުމަށް އޮތް ދިރިއުޅުމުގެ ނިޒާމް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިސްލާމްދީނަކީ ދެ ދުނިޔެއިން ސަލާމަތްވުމަށް އޮތް ދިރިއުޅުމުގެ ނިޒާމްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ރާއްޖެއަށް އިސްލާމްކަމުގެ ހިދާޔަތު ލިބުނުތާ 900 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމްދީން އެތަނަކަށް ވާސިލުވުމަށްފަހު، އެތަނެއްގައި ތައުހީދު ޤާއިމުކޮށްދޭކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާމްދީނަކީ އެތަނަކުން ޝިކުރު ނައްތާލާ، އަޅުކަންތައްތައް އަދާކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، އެކި ކަހަލަ ބިދުޢަތަކުންނާއި، ކަމެއްގައި ހައްދުފަހަނަ އަޅާދިއުމުން މީހާ ރައްކާތެރިކޮށްދޭ ދީނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އިސްލާމް ދީނުގެ ހިދާޔަތު ލިބުމުގެ ކުރިން ރާއްޖެ އޮތް ހާލަތަށް އަލި އަޅުއްވާލައްވަމުން ރައިސް ވިދާޅުވީ، ދިވެހިން ތިބީ މޫދުން ނަގާފައިވާ ހިރިގާތަކެއް، ވަކި ބައްޓަމަކަށް ކޮށައި، ބޭނުން ސިފައެއް އެއަށް ޖައްސައި އެއަށް އަޅުކަން ކުރުމުގައި ކަމަށެވެ. އަދި އެ ތަކެތީގެ ކިބައިން ހުރިހާކަމެއް ފުއްދައިދިނުމަށް އެދެމުން ދިޔަ ކަމަށާއި، ކުރިން އޮތީ އިޖުތިމާއި ފަރަގުތައް ވެސް ނުހަނު ބޮޑު މުޖުތަމައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިސްލާމްދީން އައިސް މި ބާޠިލު އަނދިރި ވިސްނުން ފޮހެލި. އަދި ހުރިހާ އިންސާނުންނަކީ މާތް ﷲގެ އޯގާވަންތަކަމާއި، ރިޢާޔަތްތެރިކަމުގެ ދަށުގައިވާ، އެކަލާނގެ ހަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ހަގީގާތް ދިވެހިންގެ ހިތްތަކަށް ފޯރުވައިދިން."
ރައީސް ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން އަޅުކަމުގެ މުޅި ފަލްސަފާ ބަދަލުވެގެންދިޔަ ކަމަށާއި، ކާއިނާތުގައި އެންމެ ބާރުގަދަ ފަރާތުގެ ކިބައިން ވާގިއެދުމަށް މިކަމުން ދަސްވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
އިސްލާމްދީން އައުމަށް ފަހު އަޅުކަމުގެ ނަމުގައި ކުރެވޭ ބޭކާރު ނޭދެވޭ އަމަލުތައް މުޅިން އުވިގެންދިޔަކަމަށާއި، އިސްލާމްދީނުގެ ސަބަބުން އައިސްގެން ދިޔަ ބަދަލަކީ، މުޅި ގައުމުގައި އަށަގެންނެވި ރޫހާނީ ޠާހިރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.