Ads by Farudhun

ޚަބަރު

ވަޤުފު ކުންފުންޏާއެކު ދީނީ މައިދާނަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސުލްޖުމްހޫރިއްޔާ

ވަޤުފު ކުންފުންޏާއެކު ދީނީ މައިދާނަށް އައު ދިރުމެއް ގެނެސްދޭނެ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 ސެޕްޓެމްބަރު 2026، 11:00

13 ސެޕްޓެމްބަރު 2026، 11:00

ޤައުމީ ވަޤުފު ކުންފުންޏާއެކު ދީނީ މައިދާނަށް އައު ދިރުމެއް ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، " މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ވަޤުފަށް ހާއްސަ ކުންފުންޏެއް އުފައްދަވާފައިކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުންފުނިން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިއްޔަ އުފައްދަވާފައެވެ. މިއީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސްގެ ޚާއްސަ ޤަރާރަކުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވަޤުފުގެ ނިޒާމަކީ އިޤްތިޞާދީ ވަރުގަދަ ބިންގަލެއް އަޅައިދޭ ކަމެކެވެ. އަދި އެ ބިންގަލުގެ މައްޗަށް ފަރުދުންނަށާއި މުޅި މުޖުތަމަޢަށް ލިބޭ މަންފާތައް ބިނާވެގެންދެއެވެ. އިސްލާމީ ތާރީޚުގެ ތެރެއިން މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވަޤުފުގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ދާއިރާތަކުން މީހުން ތަމްރީނުކޮށް، މުޖުތަމަޢުގެ ދިރިއުޅުމުގެ ފެންވަރު މަތިވެރިކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ވަޤުފުގެ ޒަރީއާއިން އިސްލާމީ އުއްމަތުގެ ފިކުރީ އަދި ޢިލްމީ ޤާބިލުކަން އިތުރުކުރެވި، މިސްކިތްތަކާއި ލައިބްރަރީތައް ފަދަ މުހިންމު ވަސީލަތްތައް ވަނީ ބިނާކުރެވިފައެވެ. އަދި މީގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި މުޖުތަމަޢުގެ ޢާންމު ލާބަޔާއި ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ އަދި މާނަވީ އެތައް ފުރުޞަތުތަކެއް ފަހިކޮށްދީ، މުޅި އުއްމަތަށް އޭގެ ފައިދާއާއި މަންފާ ވަޤުފުގެ ނިޒާމުގެ ތެރެއިން ވަނީ ފޯރުކޮށްދެވިފައެވެ.

ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއެރުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި ޚަރަދުކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، އެކި ރަށްރަށުގައި ޒަމާނާ އެއްގޮތަށް މިސްކިތްތައް އިމާރާތްކުރުމަށާއި، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ ފުރުސަތުތައް ތަރައްޤީކުރެއްވުމަށް ޝައުޤުވެރިކަން ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަބަބަށްޓަކައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތްތައް އަލަށް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ވަޤުފު އިމާރާތްތައް ތަރައްޤީކޮށް ހިންގުމުގައި ޤައުމީ ވަޤުފު ކުންފުނިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް." 

ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދީނީ އެކި ކަންކަމަށް ހޭދަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމެވެ. އަދި ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިފަދަ ވަޤުފް މަޝްރޫޢުތައް ފުޅާކުރުމަށްވެސް ކުންފުނިން އިސްކަންދޭނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ އިތުރުން، މިސްކިތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްދިނުމަކީވެސް މި ކުންފުނީގެ މަސްއޫލިއްޔަތެކެވެ. ހަމައެއާއެކު، އިސްލާމީ ޝަރީޢާ ހުއްދަކުރާ ވިޔަފާރީގެ މުޢާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، އާމްދަނީ އުފެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މި ކުންފުނިން ކުރިއަށް ގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450