ޚަބަރު
އިސްލާމް ދީނުގެ މަތީގައި 9ވަނަ ޤަރުނު ހޭދަކުރުމަކީ ފަޚުރެއް: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ:ރައީސް އޮފީސް
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް ކަމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ، މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވި ކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރައްވާފައެވެ. އަދި މި ބާއްޖަވެރި މުނާސަބާގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން، އިސްލާމީ ހިދާޔަތުގައި ދިވެހިން އަބަދަށްމެ ލެހެއްޓެވުމަށް އެކަމަނާ ވަނީ ދުޢާ ދަންނަވާފައެވެ.
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް.
— First Lady Sajidha Mohamed (@sajidhaamohamed) September 13, 2026
މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު… pic.twitter.com/4duSauPZjR
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ.
އަދި ހިޖުރީގޮތުން ވޭތުވި މި 9 ޤަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ކޮންމެ ތަމައްދުނަކާއި، ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމަށާއި، މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.