Ads by Farudhun

ޚަބަރު

ދީނީ ކަންކަމުގައި ޤުރުއާނާއި ސުންނަތަށް އިސްކަން ދިނުން މުހިންމު: ވަޒީރު ޝަހީމް

ދީނީ ކަންކަމުގައި ޤުރުއާނާއި ސުންނަތަށް އިސްކަން ދިނުން މުހިންމު: ވަޒީރު ޝަހީމް

ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 01:16

13 ސެޕްޓެމްބަރު 2026، 01:16

ދީނީ ކަންކަމުގައި އަބަދުވެސް ޤުރުޢާނާއި ސުންނަތަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އިމާމުވެ ނަމާދު ކުރާއިރު އިސްކަންދޭންޖެހޭނީ ޖަމާޢަތުގެ މަސްލަހަތަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުޖުތަމަޢުގައި އުޅޭއިރު ނަމޫނާ ބަޔަކަށް ޒުވާން ޚަޠީބުން ވުމަށް ގޮވާލައްވައި، އިސްލާމް ދީނުގެ ކަންކަމުގައި ޢަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ އިސްލާމީ އުއްމަތުގެ ބައެއްގެ ގޮތުގައި ދިވެހިން 9 ޤަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ދެމިއޮތުމުގެ ސަބަބުން ކަމަށާއި، މި މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ޒުވާން ޚަޠީބުންގެ މުސްތަޤުބަލާއި ޢިލްމު އުނގެނުން
ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުން މިހާރު ހާސިލްކޮށްފައިވާ ހުއްދައަކީ ބިންގަލެއް ކަމަށް ބަލައި ޢިލްމު އުނގެނުމުގައި ކުރިއަށް ދާންޖެހޭ ކަމަށެވެ. އަދި މިހާރު ނިކުންނަ ޖީލަކީ މިއަދުގެ ޖީލަށް ވުރެ ހަރުދަނާވާނެ ޖީލެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ފެންނަ ޒުވާން ޚަޠީބުން 2 3 އަހަރު ފަހުން، ބޮޑެތި މީހުންނަށްވާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަދު މިސްކިތްތަކުގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންނަށް ވުރެ ތިޔަ ކުދިންގެ މުސްތަޤުބަލު އުޖާލާ. ސަބަބަކީ ނިޒާމީ ތަޢުލީމުގެ ތެރެއިން މި ޒަމާނުގެ ތަޢުލީމު ލިބިގެން، އަދި އިސްލާމީ ޢިލްމު ލިބިގެން ޤުރުޢާން ރީތިކޮށް ކިޔަވަން ދަސްކޮށްގެން މިއަދު ހަޠީބުންނަށް ވެގެން ތިދަނީ. އެހެންވީމަ ކުރީގެ ޖީލަށް ވުރެ ތިޔަ ކުދިން ހަރުދަނާ ވާނެ ކަމަށް ޤަބޫލުކުރަނީ،" 

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދީނީ ކަންކަމުގައި ރައުޔު ދިނުމުގެ ކުރިން ޢިލްމު އުނގެނުމަށާއި، މީސްމީޑިއާއާއި މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ހަރުކަށި ފިކުރުގެ ވިސްނުންތަކުން ދުރުހެލިވެ، ޢިލްމުވެރިންނަށް އިޙްތިރާމު ކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އިމާމުވެ ނަމާދުކުރުމާއި ޖަމާޢަތުގެ މަސްލަހަތު
ކޮންމެ މުސްލިމަކީ އިމާމަކަށް ވުމުގެ ޤާބިލްކަން ހުރި ފަރާތަކަށް ވާންޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އިމާމުވެ ނަމާދު ކުރާއިރު ޖަމާޢަތުގެ މަސްލަހަތަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ޤުރުޢާން ރީތިކޮށް ކިޔެވިނަމަވެސް ޖަމާޢަތް ބޮޑުވާ ވަރަކަށް ކުރުކޮށް ކިޔެވުމަކީ ސުންނަތުން ފެންނަން އޮތް ގޮތް ކަމަށާއި، ރަށެއްގައި ޢަމަލުކުރާ ގޮތަކީ ދީނާއި ސުންނަތާ ޚިލާފުނުވާ ކަމެއް ނަމަ އެގޮތަށް އިމާމުވެ ނަމާދުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަންޖެހޭނެ ފިޤުޙުގެވެސް އެކި އެކި މަޒުހަބުތަކުގައި އަޙްކާމްތަކުގައި ސުންނީ މަޒުހަބުގައި ޝާފިޢީ މަޒުހަބުގައިވެސް، ހަނަފީ މަޒުހަބުގައިވެސް ހަންބަލީ މަޒުހަބުގައި މާލީ މަޒުހަބުގައިވެސް ނަމާދުގައި އެބަހުއްޓޭ އެކި އެކި ޚިލާފުތައް ފަރަޢީ ޚިލާފުތައް. މިކަންކަމުގައި ޖަދަލުކޮށްގެން ނުވާނެ. އެރަށެއްގެ އަހުލުވެރިން ނަމާދު ކުރަމުން އަންނަ ގޮތަކީ އެއީ ކަނޑައެޅިގެން ޤުރުޢާނާއި ސުންނަތާއި ޚިލާފުނުވާ ކަމަށްވަންޏާ އެ ރަށެއްގައި އިމާމްކަން ކުރާ މީހާ އިމާމުކަން ކުރަންޖެހޭނީ، އޭނާގެ ފަހަތުގައި ޖަމާޢަތުގައި ތިބި މީހުން ޤަބޫލުކުރާ ގޮތެއްގެ މަތިން،" 

ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޚަޠީބުންނާއި އެންމެހައި ފަރާތްތަކުން ވެސް ދީނީ ކަންކަމުގައި ޤުރުޢާނާއި ސުންނަތަށް އިސްކަންދީގެން ޤައުމުގައި ދީނީ ޝިޢާރު ފާޅުކުރުމުގެ މަސައްކަތް ފުޅާކުރުމަށް ގޮވާލައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450