ޚަބަރު
އެދެނީ ދިވެހިރާއްޖެއަކީ އިސްލާމްދީނަށް ވަފާތެރި ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް: ރައީސް މައުމޫން
ކުރީގެ ރައީސް މައުމޫން. ފޮޓޯ: ރައީސް އޮފީސް
ފާއިތުވި 900 އަހަރު ދިވެހިން ތިބި ފަދައިން، އިސްލާމްދީނަށް ތެދުވެރި އަދި ވަފާތެރި ބައެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ ދިވެހީންނަށް އިސްލާމްދީނުގެ ހިދާޔަތު މިންވަރު ކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރައްވައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އިސްލާމްދީން ގަބޫލުކުރި ފަހުން މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ދިވެހިންގެ މާޒީގައި ރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި، ދީނަށް އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑު އެދެނީ ދިވެހިރާއްޖެ މިދިޔަ 900 އަހަރު އޮތް ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ވަފާތެރި، އިސްލާމްދީނަށް ތެދުވެރި، ގައުމެއްގެ ގޮތުގައި ދެމި އޮންނަން. އަޅުގަނޑުމެންގެ ކާބަފައިން މިވޭތުވެދިޔަ 900 އަހަރު ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް. އެއީ ރާއްޖެއަށް ތަފާތު ކަންކަން ދިމާވީ ނަމަވެސް އެބޭފުޅުން އިސްލާމްދީން ދޫކޮށެއް ނުލައްވައި، ދީނަށް ކުޑަ ވެސް ލޮޅުމެއް އަޔަ ނުދެއްވައި، ހަމަ ގަދަފަދަކަމާއެކު ސާބިތުކަމާއެކު އިސްލާމްދީނުގައި ހިފެހެއްޓެވީ.
ރައީސް މައުމޫން ވިދާޅުވިއެވެ.
އިސްލާމްދީނަކީ ދިވެހި ގައުމުގެ އަސްލުގެ ބިންގާ ކަމަށް ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.